ހޯމަ ދުވަހު ތުރުކީ-ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް އައި ބިންހެލުމާ ގުޅިގެން މުޅި ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު ހަފްތާއެއްވިއިރު، މަދުވެގެން 34،179 އަށް އަރައިފިއެވެ.
ތުރުކީގައި މަރުވި މީހުންގެ އަދަދު 29،605 އަށް އަރާފައިވާ ކަމަށް ތުރުކީގެ އިމަޖެންސީ ކޯޑިނޭޝަން ސެންޓަރު ސަކޮމް އިން އާދީއްތަ ދުވަހު ބުނެފައިވެއެވެ.
ސީރިއާގައި މަރުވި މީހުންގެ އަދަދަކީ 4،574 އެވެ. އެ އަދަދުގައި ހިމެނެނީ ސީރިއާގެ ހުޅަނގު އުތުރުގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި ތިބި 3،160 އަށް ވުރެ ގިނަ މީހުން ކަމަށް ސެލްވޭޝަން ގަވަރމަންޓް ގަވަރނަންސް އޮތޯރިޓީގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ސީރިއާގައި މަރުވި މީހުންގެ ތެރޭގައި ވެސް ސީރިއާގެ ސަރުކާރު ކޮންޓްރޯލްކުރާ ސަރަހައްދުތަކުން މަރުވި 1،414 މީހުން ހިމެނޭ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ސާނާ އިން ބުނެއެވެ.
ބިންހެލުމުގައި އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ސީރިއާގައި ތިބި ފަރާތްތަކަށް އެހީތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނި ގޮތުގައި ސީރިއާގެ ހުޅަނގު އުތުރަށް ކްރޮސްލައިން ޑެލިވަރީ ފޮނުވުމަށް ބޭނުންވާ ހުއްދައިގެ އިންތިޒާރު ކުރަމުން އަންނައިރު، އެގައުމުގެ ދިގު މުއްދަތަކަށް ދާޚިލީ ހަނގުރާމައިގައި ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށް ތަކެތި ފޮނުވުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ހޯމަ ދުވަހު އައި ބިންހެލުމުގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވަރަށް އަވަހަށް ދަތުރުކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯއިން އުންމީދުކުރާ ކަމަށް އެ ޖަމިއްޔާއިން ހުކުރު ދުވަހު ބުނެފައިވެއެވެ.
ޑަބްލިއުއެޗް އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޮމް ގެބްރޭސިއަސް އާއި ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލުންގެ ޓީމެއް ހޮނިހިރު ދުވަހު ހަލަބްއަށް ވަޑައިގެންނެވީ އިންސާނީ އެހީގެ ފްލައިޓެއްގައި 290،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ޓްރޮމާ އިމަޖެންސީ އަދި ސާޖިކަލް ކިޓްތައް ހިފައިގެންނެވެ.
ޑަބްލިޔުއެޗްއޯގެ ރީޖަނަލް އިމަޖެންސީ ޑިރެކްޓަރު ރިކް ބްރެނާން ހުކުރު ދުވަހު ދިމިޝްގުން ދިން މީޑިއާ ބްރީފިންގައި ވިދާޅުވީ ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން ސީރިއާގެ ހުޅަނގު އުތުރަށް "ކްރޮސްލައިން ޑެލިވަރީއެއް" ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޝެޑިއުލްކޮށްފައި އެބައޮތް ކަމަށާއި، އަދިވެސް އެކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ބްރެނާން ވިދާޅުވި ގޮތުގައި ދިމިޝްގުގައި ހުންނަ ސީރިއާ ސަރުކާރުގެ ރުހުން ޑަބްލިއުއެޗްއޯއަށް ލިބިފައިވީ ނަމަވެސް އަނެއް ފަރާތުގައި ތިބި ފަރާތްތަކުގެ ރުހުމަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.