ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 09:29
އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ޕްރޮމޯޝަނަލް ބެނާއެއް
އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ޕްރޮމޯޝަނަލް ބެނާއެއް
ފޭސްބުކް
17 އަހަރުން ދަށުގެ ވޯލްޑްކަޕް
17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި
ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ނިއުދިއްލީގައި
ގްރޫޕް ބީގެ މެޗުތައް ކުޅޭނީ މުމްބާއީގައި
މުބާރާތުގައި 24 ގައުމު ވާދަކުރޭ

އިންޑިއާގައި މި އަހަރު ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގައި އިންޑިއާ ކުޅޭ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި އެވެ.

އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަންގެ އެދުމުގެ މަތިން ވޯލްޑްކަޕްގައި އިންޑިއާ ކުޅޭ މެޗުތައް ވެރިކަންކުރާ ރަށް ނިއުދިއްލީއަށް ބަދަލުކުރީ ފީފާއިންނެވެ. މީގެކުރިން އިންޑިއާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ މުމްބާއީގައެވެ.

އެގޮތުން އިންޑިއާ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ނިއުދިއްލީއަށް ބަދަލުކޮށްފައިވާއިރު، ގްރޫޕް ބީގެ މެޗުތައް މުމްބާއީއަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ނިކައުޓްގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އިންޑިއާގައި ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ މި ބިޔަ މުބާރާތުގެ ގުރު ނެގުމަށް ހަމަޖެހިފައިވަނީ މި މަހު ހަތްވަނަ ދުވަހު މުޔމްބާއީގައެވެ. މި މުބާރާތުގައި ޖުމްލަ 24 ގައުމެއް ވާދަކުރާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރުމަހުގެ ހަވަނަ ދުވަހެވެ.

އިންޑިއާ އިން އަންނަނީ މުބާރާތަށް ތައްޔާރުވުމަށް މެޗުތަކެއް ކުޅެމުންނެވެ. މީގެއިތުރުން އެޓީމުން އަންނަނީ އެކި ގައުމުތަކުގައި ކޭމްޕްކޮށް، ތަޖުރިބާ ހޯދަމުންނެވެ.

އިންޑިއާ ސަރުކާރުންވެސް މި މުބާރާތަށް ތައްޔާރުވަމުން އަންނައިރު، ސްޓޭޑިއަމްތައް މަރާމާތުކޮށް މުބާރާތް ޕްރޮމޯޓުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިއީ އިންޑިއާ ޓީމެއް ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް