ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 17:59
ތުރުކީ-ސީރިއާއަށް އައި ބިންހެލުމުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރެވޭނެކަމުގެ އުއްމީދުވަނީ ކުޑަވެފައި
ތުރުކީ-ސީރިއާއަށް އައި ބިންހެލުމުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރެވޭނެކަމުގެ އުއްމީދުވަނީ ކުޑަވެފައި
ރޮއިޓާރސް
ތުރުކީ-ސީރިއާ ބިންހެލުން
72 ގަޑިއިރު ފަހުން ސަލާމަތުން ތިއްބާ މީހުން ފެންނާނެކަމުގެ އުއްމީދު ކުޑަ: އެމްއެސްއެފް
ފިނި މޫސުމުގެ ތެރޭގައި އިމާރާތްތަކުގެ ދަށުގައި ގިނަ ދުވަހު ތިބެން ޖެހިއްޖެ ނަމަ ލެއާއި ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުމަށް މެދުވެރިވާނެ
ވަގުތު ފާއިތުވަމުންދާ ވަރަކަށް ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ

ތުރުކީ-ސީރާއަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން, ހާދިސާ ހިނގާތާ 72 ގަޑިއިރު ފަހުން ސަލާމަތްކުރުމަކީ އުއްމީދު ކުޑަކަމެއް ކަަމަށް ޑޮކްޓަރސް ވިތައުޓް ބޯޑާސް އިން ބުނެފިއެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑާސް (މެޑިސިންސް ސޭންސް ފްރޮންޓިއަރސް، ނުވަތަ އެމްއެސްއެފް) ގެ މެޑިކަލް ޔުނިޓް މެނޭޖަރު އެވްޖެނިއާ ޒެލިކޯވާ އަލްޖަޒީރާއަށް ވިދާޅުވީ ބިންހެލުމަކަށް ފަހު ފުރަތަމަ 48-72 ގަޑިއިރު އަކީ އިމާރާތްތަކުގެ ދަށުން ސަލާމަތްވި މީހުން ހޯދުމަށް ލިބޭ މުހިންމު ވަގުތުކޮޅު ކަމަށެވެ.

ނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެކަމަށް އުރުދުންގެ ވެރިރަށް އައްމާނުން ވާހަކަ ދައްކަވަމުން ޒެލިކޯވާ ވިދާޅުވިއެވެ. ސީރިއާގެ ހުޅަނގު އުތުރުގައި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރސް ވިތައުޓް ބޯޑާސް ޓީމުތަކަށް ފަރުވާއަށް ގެންނަ މީހުން 72 ގަޑިއިރު ފަހުން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިނި މޫސުމުގެ ތެރޭގައި އިމާރާތްތަކުގެ ދަށުގައި ގިނަ ދުވަހު ތިބެން ދިމާވެއްޖެ ނަމަ އެއީ ލެއާއި ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބު ކަމަށާއި އޭގެ ސަބަބުން ދިރިހުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒެލިކޯވާ ވިދާޅުވީ ސިއްހީ ގޮތުން ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޕިޑެމިއޮލޮޖިކަލް ހާލަތާއި ފިނި މޫސުމާއި ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ އާއި ފެނުން ޖެހޭ ބަލިތަކާއި ދިގު މުއްދަތުގެ ބަލިތައް ހުންނަ މީހުންނަށް ސިއްހީ ފަރުވާ ހޯދުމާއި ނަފްސާނީ ސިއްހަތު ކަމަށެވެ.

ހުޅަނގު އުތުރުގެ ސީރިއާގެ އާބާދީއަށް މިހާރުވެސް ނަފްސާނީ ސިއްހަތު ދަށްވުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެއީ ދިގުދެމިގެންދާ ހަނގުރާމަ އާއި ކާރިސާތަކާއި ދަތި ހާލަތްތަކުގެ ސަބަބުންނެވެ. އަދި މިފަދަ ހާލަތްތަކުގައި އެމީހުންގެ ނާޒުކު ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑާސްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް