ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 17:16
ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން
ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން
ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިކަން
ބޯޑަރު ހުޅުވާލިފަހުން އެއްދުވަހާ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައީ އިއްޔެ
އިއްޔެ 8028 ފަތުވެރިން ރާއްޖެ އައިސްފައިވޭ

2020 ވަނަ އަހަރު ބޯޑަރު ހުޅުވާލިފަހުން އެއްދުވަހާ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި ފެބްރުއަރީ 11 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފެބްރުއަރީ 11 ވަނަ ދުވަހު 8028 ފަތުވެރިން ރާއްޖެއަށް އައި ކަމަށެވެ. އަދި މި އިންޑަސްޓްރީގެ ޕާޓްނަރުންނާއި ސްޓޭކްހޯލްޑަރުންނަށް މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފައެވެ.

އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރެފައިވާ ތަފާސްހިސާބުތަކަށް ދައްްކާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ 7ގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 214،985އަށް އަރައިފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު 31.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ މަހު ވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެެވެ. މިއަހަރުގެ ޖެނުއަރީ މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ 30.9 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޖެނުއަރީމަހު 131،762 ފަތުރުވެރިން އައިރު މިއަހަރުގެ އެ މުއްދަތުގައި 172،536 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ޤައުމުން 27،960 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއީ ޖުމްލަ ފަތުރުވެރިންގެ 13 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ރަޝިއާގެ އިތުރުން، އިންޑިއާ، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޒަލެންޑް އަދި ޕޮލެންޑް ހިމެނެއެވެ.

- ކޮމެންޓް