ފްރާންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިވެއްޖެ އެވެ.
ލީގު ތާވަލްގެ އެއް ވަނައިގައި އޮތް ޕީއެސްޖީން މޮނާކޯއާ ދެކޮޅަށް ނުކުތްއިރު އެ ޓީމު އޮތީ ވެސް އުނދަގޫ ހާލަތެއްގަ އެވެ. މެޗަށް ޕީއެސްޖީ ކުރިމަތިލީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އާއި ލިއޮނަލް މެސީ ނުލަ އެވެ. އަނިޔާގެ ސަބަބުން މެސީ އަށް މެޗު ގެއްލުނުއިރު، އެމްބާޕޭ އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނީ މި މަހުގެ ފަހު ކޮޅު އެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން މާކޯ ވެރާޓީ އާއި ރެނާޓޯ ސަންޗޭސް އަށް ވެސް މެޗުގައި ނުކެޅުވީ އަނިޔާގެ ސަބަބުންނެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މޮނާކޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަލެކްސަންޑަ ގޮލޯވިން އެވެ. އެއީ ވިސާމް ބެން ޔެޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެވެ. މޮނާކޯގެ ދެ ވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ޖެހީ ވިސާމް ބެން ޔެޑާ އެވެ. ނަމަވެސް އޭގެ ފަހުން ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިފަ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ވަރެން ޒައިރޭ އެމެރީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮނާކޯ އިން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ޖަހައިދިނީ ވިސާމް ބެން ޔެޑާ އެވެ.
މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކުންނެވެ. ކުޅުނު 23 މެޗުން ޕީއެސްޖީ އަށް ލިބެނީ 54 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ވާދަވެރި މާސޭ އަށް ލިބެނީ 49 ޕޮއިންޓެވެ. ޕީއެސްޖީ ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 47 ޕޮއިންޓު ހޯދައިގެން މޮނާކޯ އޮތީ ތިން ވަނައިގަ އެވެ.