ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 07:36
ތުރުކީއަށް އައި ބިންހެލުމުގައި އަނިޔާވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
ތުރުކީއަށް އައި ބިންހެލުމުގައި އަނިޔާވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
ޝަޓާ ސްޓޮކް
ތުރުކީއަށް އައި ބިންހެލުން
ތުރުކީ-ސީރިއާ ބިންހެލުން: މަރުވި މީހުންގެ އަދަދު 28،000 އިން މައްޗަށް އަރައިފި
ސީރިއާއިން 3500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 24،600 އަށްވުރެ އިތުރުވެފައި
މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ދެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރޭ
އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ތުރުކީގެ ދެކުނަށް އަދި ސީރިއާގެ އިރުމަތީ ސަރަހައްދުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 28،000 އިން މައްޗަށް އަރައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މިހާތަނަށް ދެ ޤައުމުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި 28،100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެގޮތުން، ސީރިއާއިން 3500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 24،600 އަށްވުރެ އިތުރުވެފައެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް 7.8 މެގްނިޑިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ސީރިއާއިން 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދ އިން ފާހަގަކުރާއިރު، ތުރުކީ އަދި ސީރިޔާގައިވެސް 900،000 މީހުންނަށް ވަނީ ކާބޯތަކެތި ބޭނުންވެފައެވެ.

ދަންވަރުގެ ވަގުތުގައި އައި ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ދެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

ސީރިއާއަށް ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދާއި ހަނގުރާމަވެރި ޖަމާއަތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށެވެ. އެހެންކަމުން އެ ޤައުމުން މަރުވި މީހުންގެ އަސްލު އަދަދު އަދި އެނގިފައިނުވާ ކަމަށާއި ނަމަވެސް ފަހުގެ ރިޕޯޓުތަކަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ވައިޓް ހެލްމެޓް ސިވލް ޑިފެންސް ގްރޫޕުންނާއި ސީރިއާ ސަރުކާރުން ހިއްސާކޮށްފައިވާ ނަންބަރުތަކެއް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

މި ކާރިސާގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައިވާއިރު އަދިވެސް އެ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

- ކޮމެންޓް