އިގްތިސާދީ ގޮތުން ލަންކާއަށް މިދިޔަ އަހަރު ދިމާވި ކާރިސާގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާ ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.
އިންޑިއާގެ އެހީތެރިކަމާއެކު ލަންކާގައި ހުޅުވި "ޖަފްނާ ކަލްޗަރަލް ސެންޓަރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ރަނިލް ވިދާޅުވީ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަން އެ ޤައުމުން ބަލައިގަންނަ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރަމުންދާ ޕްރޮޖެކްޓުތަކަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ރަނިލް ވަނީ ޖަފްނާ ކަލްޗަރަލް ސެންޓަރަކީ ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ސެންޓަރެއް ކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ސަގާފަތަކީ އެއްގޮތް ސަގާފަތެއް ކަމަށާއި ދެ ޤައުމަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފުށުގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
ޖަފްނާ ކަލްޗަރަލް ސެންޓަރަކީ 2015 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބިންގާ އަޅުއްވައިދެއްވި ސެންޓަރެކެވެ. އެ ސެންޓަރު މެދުވެރިކޮށް ދެ ޤައުމުގެ ސަގާފަތް ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ޑރ. އެލް މުރުގަން ވިދާޅުވީ އިންޑިއާއިން ލަންކާއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ އެ ޤައުމުގެ "ނެއިބަހުޑް ފަރސްޓް" ޕޮލިސީގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށެވެ. އެގޮތުން، ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކުގެ 100 ދަރިވަރަކަށް ޖަފްނާ ޔުނިވަރސިޓީން ކިޔެވުމަށް މާލީ އެހޯތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ވެސް އޭނާ އިއުލާން ކުރެއްވިއެވެ.
އިންޑިއާއިން ލަންކާގެ ތަރައްގީގައި އެހިވުމަށް ފޯރުކޮށްދިން އެހީ، ފަސް ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.