ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިޔާއަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 25،000ށް ވުރެ މައްޗަށް އަރާފައިވާއިރު މި ބިން ހެލުމަކީ ތުރުކީއަށް މިގަރުނުގައި ވެސް ދިމާވި އެންމެ ގެއްލުންބޮޑު ބިން ހެލުމެވެ. ބިން ހެލުމުގައި އެތައް ހާސް އިމާރާތެއް ބިމާ ހަމަވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް ބިންހެލުމަށް ހަފްތާއެއް ވާން ދާއިރު ދިރިހުއްޓާ މީހަކު ފެންނާނެކަމުގެ އުންމީދު އަންނަނީ ފަނޑުވަމުންނެވެ.
އަނެއްކޮޅުން އާންމުކުރަމުންދާ ސެޓެލައިޓް މަންޒަރުތަކުން މިބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވެއެވެ. ސެޓެލައިޓް އިމޭޖިންގ ކުންފުންޏެއްކަމުގައިވާ މެކްސްއާރުން ވަނީ ތުރުކީއަށް އައި ބިން ހެލުން އައި ސަރަހައްދު ނުވަތަ ފޯލްޓް ލައިން ހިމެނޭ ސަރަހައްދުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. ފޯލްޓް ލައިނަކީ ދުނިޔޭގެ ފަށަލައިގައި ލާފައި ހުންނަ ދިގު ރެނދެކެވެ. އާންމުކޮށް ބިންހެލުން އަންނާނީ މި ފޯލްޓް ލައިނަށް ގުޑުމެއް އަރައިގެންނެވެ.
މެކްސްއާރުން ވަނީ ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އަދި ފޯލްޓް ލައިންވެސް ހިމެނޭ ތުރުކީގެ ގާޒިއަންޓެޕް ޕްރޮވިންސްގެ މަންޒަރުތަކެއް ބިންހެލުން އައުމުގެ ކުރިންނާއި އޭގެފަހުން އޮތްގޮތް ހާމަކޮށްފައެވެ.
މެކްސްއާރުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސެޓެލައިޓް މަންޒަރުތަކުން ފޯލްޓް ލައިންވެސް ފެނިގެންދެއެވެ.
މީގެއިތުރުން މެކްސްއާރުން ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ގާޒިއަންޓެޕް ޕްރޮވިންސްގެ ނުރްޑާގިން ސިޓީން ނަގާފައިވާ ސެޓެލައިޓް މަންޒަރުތަކާއި ބިންހެލުން އައި ފަހުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހަމަ އެސަރަހައްދުން ނަގާފައިވާ މަންޒަރުތަކެއް އަޅާކިޔާފައެވެ.
ސެޓެލައިޓް މަންޒަރުތަކުން ފެންނަނީ އިމާރާތްތައް ވެއްޓިފައިވާ މަންޒަރެވެ.
ފޯލްޓް ލައިން ސަރަހައްދުގައި ހުންނަ ހައިވޭ އާއި އެސަރަހައްދުގައި އެކިކަހަލަ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ބިންތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެގޮތުން ދަނޑުހެއްދުމަށް ބޭނުންކުރާ އެކިކަހަލަ މުޑުވައްތައް ރައްކާކޮށްފައި ހުރިތަނެއްގެ ސެޓެލައިޓް ފޮޓޯތައް އަޅާކިޔާފައިވާއިރު ބިންހެލުމަށްފަހު ހުރިހާ މުޑުވައްތަކެއް ވަނީ މުޅި ސަރަހައްދަށް ފެތުރިގެންގޮސްފައެވެ.
ބިންހެލުން އައި ސަރަހައްދުތަކުގެ އެކި ދިރާސާތައް ކުރަމުންދާއިރު ބިން ހެލުން އައި ގަޑީގައި ފޯލްޓް ލައިން 3 މީޓަރާއި 4 މީޓަރަށް ދުރުވެގެންދާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއްވެސް ވަނީ އާންމުކޮށްފައެވެ.