ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ފުޓުބޯޅަ އާއި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް އެކަޑަމީއެއް ހުޅުވައިފި އެވެ.
މާއުނގޫދޫ ފުޓްސަލް ދަނޑުގައި ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެކަޑަމީ އިފްތިތާޙްކޮށްދެއްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑަމީ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) އާއި ހޭންޑްބޯލް ޓްރެއިނާ މުޙައްމަދު އަސްލަމް އެވެ. ދެޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހުޅުވި މި އެކަޑަމީ އަކީ މާއުނގޫދޫގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ހުޅުވުނު އެކަޑަމީއެކެވެ. އެގޮތުން އަންހެން ކުޅުންތެރިިންނަށް ހޭންޑްބޯލް އަދި ފިރިހެން ކުޅުންތެރިންނަށް ފުޓުބޯޅަ ވަނީ ހާއްސަކުރެވިފަ އެވެ.
މި ރަސްމިއްޔާތުގައި އެކަޑަމީގެ ކުދިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ހޭންޑްބޯލް ޓްރެއިނާ އަސްލަމް ވިދާޅުވީ، ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވީނަމަވެސް އެ ކުޅިވަރަކުން ކުރިއަރާދާނީ ރިވެތި އަހްލާގާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު ކަމަށެވެ. އެގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތު ތަކުގައި ކޯޗުން ކިޔައިދޭ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ބައޯނިކް ކްލަބުގެ ރައީސް އުބައިދުﷲ މުހައްމަދު ވިދާޅުވީ، މިއަދު އިފްތިތާޙްކުރި އެކަޑަމީއަކީ މީގެ އެތަކެއް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި މިއީ އެކުވެރިކަމާއެކު އެކީގައި މަސައްކަތްކުރާ ޓީމެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެހެންކަމުން ބައޯނިކް ކްލަބުގެ ރައީސް ވަނީ ކްލަބުގެ ހުރިހާ މެންބަރުންނާއި ވަކިން ހާއްސަކޮށް އެކަޑަމީގައި އުޅޭ ކުދިިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.
ބައޯނިކް ކްލަބުގެ އެކަޑަމީގައި މިހާތަނަށް 94 ކުދިން ރެޖިސްޓްރީ ވެފައިވާއިރު، ފުޓުބޯޅަ އެކަޑަމީގައި 58 ކުދިން އަދި ހޭންޑްބޯޅައިގައި 36 ކުދިން ވަނީ ރެޖިސްޓްރީ ވެފަ އެވެ. މީގެ އިތުރުންވެސް އެކަޑަމީއަށް އިތުރު ކުދިން ވެއްދުމަށް އެ ކްލަބުން ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.
ބައޯނިކް ކްލަބަކީ 2006 ވަނަ އަހަރުން ފެށިގެން މާއުނގޫދޫގައި ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ. އެ ކްލަބުން އަންނަނީ ރަށުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުޅިވަރާއި މި ނޫންވެސް ރަށުގެ ޒުވާނުންނާ ގުޅޭ ކަންކަމުގައި އެންމެ ގާތުން ޝާމިލް ވަމުންނެވެ. ހަމައެއާއެކު، ބައޯނިކް ކްލަބުން އަންނަނީ އެ ރަށު ސްކޫލާއި އެހެނިހެންވެސް މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބައޯނިކުން ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައްވެސް ހާސިލްކޮށްފަ އެވެ.