މި މަހުގެ 27 ވަނަ ދުވަހު އޮންނަ ފީފާ ބެސްޓް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރުގެ ގަދަ ތިނެއްގައި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އާއި ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ އަދި މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯ ހިމެނިއްޖެ އެވެ.
މިއީ ކޯޓުއާ މި އެވޯޑުގެ ގަދަ ތިނެއްގައި ހިމެނުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ގަދަ ތިނެއްގައި ހިމެނުނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ވަނީ އެވޯޑު ކާމިޔާބުކޮށްފަ އެވެ. މިއީ މާޓިނޭޒް އާއި ބޯނޯ އެވޯޑުގެ ގަދަ ތިނެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
މާޓިނޭޒް ވަނީ އާޖެންޓީނާ އާއެކު މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މުބާރާތުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. އެގޮތުން މުބާރާތުގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓް ގައި އޭނާ ވަނީ މޮޅު ސޭވް ތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ފްރާންސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި މޮޅު ސޭވްތަކެއް ކުރިއިރު، ޕެނަލްޓީގައި ފްރާންސްގެ ޕެނަލްޓީ އޭނާ ވަނީ ހުއްޓުވައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކަަށް ހޮވުނީ ވެސް މާޓިނޭޒް އެވެ. ކޯޓުއާ ވަނީ ސްޕެއިންގެ ރެއާލް އިން މިދިޔަ އަހަރު ހޯދި ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. މިދިޔަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. ބޯނޯ ވަނީ މޮރޮކޯއާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމަ އަށް ދަތުރުކޮށްފަ އެވެ. މުބާރާތުގެ ގަދަ 16 ގައި ސްޕެއިންނާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ ކުޅުންތެރިންގެ ހުރިހާ ޕެނަލްޓީއެއް އޭނާ ހުއްޓުވި އެވެ.
އަންހެން އެންމެ މޮޅު ކީޕަރުންނަށް ވާދަކުރަނީ ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ އެން-ކަޓްރިން ބާހާ އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މަރީ އިއާޕްސް އަދި ލިއޯން އަށް ކުޅެމުން އަންނަ ޗިލީގެ ކްރިސްޓިއާން އެންޑްލާ އެވެ.