ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 13:05
ހުކުރު ހުތުބާ
ހުކުރު ހުތުބާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުރު ޚުތުބާ
ނަފްސުގެ މުއްސަނދިކަމާއި ފުދުންތެރިކަން ހާސިލްވާނީ ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެން: ޚުތުބާ
ދުނިޔަވީ އަރާމު ހޯދުމަށް މާތް ﷲ ހަރާމް ކުރައްވާފައިވާ މަގުތަކުންނާއި ވަސީލަތްތަކުން މުއްސަނދިކަން އިތުރުކުރަން އިންސާނާ މަސައްކަތް ކުރޭ
އިސްލާމީ ޝަރީއަތް އައިސްފައިވަނީ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރާނެ ގޮތް ބަޔާންކޮށްދެމުން
ދުނިޔެ ހޯދުން އެކަނި ކަމުގައި ހަދައި، އާޚިރަތް ނަގައިނުލުމަށް އިސްލާމްދީން ގޮވާލާ

ނަފްސުގެ މުއްސަނދިކަމާއި، ނަފްސުގެ ފުދުންތެރިކަން ހާސިލް ކުރެވޭނީ ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ ނަފްސުގެ މުއްސަނދިކަމުގެ މައްޗަށެވެ. އެގޮތުން، ތަބީއީގޮތުން އިންސާނާ، މުދާދެކެ ލޯބިވާ ކަމަށާއި އޭގެ ސަބަބުން ދުންޔަވީ އަރާމުގެ ސާމާނު އެއްކޮށް، ގިނަ ކުރަން އިންސާނާ އެދޭއިރު މިކަންކަމުގެ ސަބަބުން އޭނާ ޙައްގު މަގުން ކައްސާލައިގެން ދާތަން ފެންނަ ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔަވީ އަރާމު ހޯދުމަށް މާތްﷲ ހަރާމް ކުރައްވާފައިވާ މަގުތަކުންނާއި ވަސީލަތްތަކުން މުއްސަނދިކަން އިތުރުކުރަން އިންސާނާ މަސައްކަތް ކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މީގެ ސަބަބުން އިންސާނާއަށް އޭނާ ހެއްދެވި މަގުސަދު އޮޅި، ހުރިހާވެސް ބޭނުމަކީ ދުނިޔެ ހޮދުން ކަމުގައި ހަދާ ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތް އައިސްފައިވަނީ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރާނެ ގޮތް ބަޔާންކޮށްދެމުން ކަމަށައި އެހެންވެ، އިންސާނާ އެންމެ ކަންބޮޑުވާކަމަކީ ދުނިޔެ ހޯދުން އެކަނި ކަމުގައި ހަދައި، އާޚިރަތް ނަގައިނުލުމަށް އިސްލާމްދީން ގޮވާލާކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ކީރިތި ރަސޫލާގެ ހަދީސެއްގައި މުއްސަނދިކަމަކީ މުދާ ގިނަވުމެއް ނޫން ކަމަށާއި މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން ކަމަށް ވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ބަސްފުޅުން އިންސާނާ ދުނިޔޭގައި އަމާޒުހިފަންވީ މިސްރާބު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

މުދަލާއި ފައިސާ ހޯދަން މަސައްކަތްކުރާ މީހުންގެ މައިގަނޑު ބޭނުމަކީ އެހެން މީހުންނާއި ނުލައި ފަރުޖައްސައިލުން. އަޅުވެތިކަމަކީ ނިކަމެތިކަމަކަށް ވާތީ އެކަމުން ސަލާމަތްވުން. ހަގީގަތަށް ބަލައިފިނަމަ އަހަރުމެންނަަށް މިކަން ހާސިލުވާ ހަމައެކަކުވެސް ނުފެނޭ. މަތީ މަގާމުތަކާއި ގިނަ އާމްދަނީއާއި ބޮޑެތި މުސާރަ ލިބޭ މީހުން ވެސް އެހެން މީހުންނަށް ބޭނުންޖެހިފައިވާތަން ފެނޭ،
ހުކުރު ޚުތުބާ

ޚުތުބާގައި ބުނިގޮތުގައި ރަސޫލާގެ ބަސްފުޅުން އެނގޭގޮތުގައި ހަގީގީ މުއްސަނދިކަމަކީ މުދަލާ ފައިސާ ގިނަވުމެއް ނޫނެވެ. އެގޮތުން، އެ މީހެއްގެ އަތުގައި ފުދި އިތުރުވާ މިންވަރަށް ހުރިހާ އެއްޗެއް ހުއްޓސް ދުނިޔެވީ އެދުންތަކަށް ނިމުމެއް ނާންނާނެ ކަމަށާއި އަބަދުވެސް އިތުރަށް އެދޭނެ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ މީހާއަކީ ފަގީރެއް ކަމަށް ވެސް ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

ނަފްސުގެ ފުދުންތެރިކަން ލިބިފައިވާ މީހާ އެދޭނީ މާތްﷲ ގެ ހަޒުރަތުގައިވާ އެއްޗަކަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެތަކެއްޗަކީ ފަނާވެގެންދާނެ ތަކެތި ނޫން ކަމަށެވެ.

ހަދީސްފުޅުގެ ދެވަނަ ބައިން ދޭހަވަނީ ހަގީގީ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން ކަމަށް، އެބަހީ މުއްސަނދިކަމުގެ ހަގީގަތަކީ އަޅާއަށް ދެއްވި އެއްޗަކަށް ރުހި ގަބޫލުވުން. އޭރުން އޭނާއަށް ބާއްޖަވެރިކަން ލިބޭނެ. ހިތްހަޖެހިގެން އުޅެވޭނެ.
ހުކުރު ޚުތުބާ

މުއްސަނދިކަމަކީ މުދާ ގިނަވުން ނޫންކަމަށާއި އެއީ ނަފްސުގެ މުއްސަނދިކަން ކަމުގައި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅަށް ހުރިހާ ޒަމާނެއްގައި މީސްތަކުން ތަބާވާންޖެހޭ މަތިވެރި އުސޫލެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ބޭރުފުށުގެ އޮފުދާރު ކަމަށް މީސްތަކުން ހެއްލިފައިވާ މި ޒަމާނަށް ހިކުމަތްތެރި ގަވާއިދެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް