ރިސޯޓް ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ހުއްޓާލުމައް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުޒެއްޕޭ (ޕީނޯ) އާއި ކަނބާލިފަރު ރިސޯޓްގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމް މަނިކާ ދެމެދު ވިޔަފާރީގެ މައްސަލަތަކެއް އުފެދިގެންނެވެ.
މިކަން ހިނގާފައިވާ ގޮތަށް ބަލާއިރު ށ ކަނބާލިފަރު ކުއްޔަށްދިނުމަށް އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މއ. އަނާވިލާ އަލީ ޝަރީފް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާ ދެމެދު 31 އޮގަސްޓް 2006 ގައެވެ. ފަހުން އަލީ ޝަރީފް ވަނީ އެއްބަސްވުމުގެ ދަށުން ލިބިފައިވާ އެންމެހައި ހައްގުތައް ފްރަންކީން ޖުޒެއްޕެ އަށް ވިއްކާލުމަށް އެއްބަސްވެ ޕަވަރ އޮފް އެޓާނީ ޒުޒެއްޕެއަށް ދީފައެވެ.
ނަމަވެސް ފަހުން ޖުޒެއްޕެއަށް ރާއްޖޭގައި ހުރެވެން ނެތުމުގެ ސަބަބުން ޕަވަރ އޮފް އެޓާނީން ލިބިދީފައިވާ ބާރުތައް ބޭނުންކޮށްގެން ޖުޒެއްޕެގެ ފަރާތުން އާދަމް މަނިކު އައްޔަނުކޮށް އެފަރާތަށް ޕަވަރ އޮފް އެޓާނީ ވަނީ ދީފައެވެ. އާދަމް މަނިކު އެކަމުގެ ނާޒާއިޒް ފައިދާ ނަގައިގެން ޖުޒެއްޕެ އަށް ނޭންގި އާދަމް މަނިކުގެ ހިއްސާ އޮންނަ ގޮތަށް ކަނބާލިފަރު ޑިވޮލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައި ކަނބާލިފަރު ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވާތީ ށ. ކަނބާލިފަރު އާދަމް މަނިކުގެ އަތުން އަނބުރާ ހޯދުމާއި ޖުޒެއްޕެއަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި މިކަމަށް ކޮށްފައިވާ ޚަރަދު ދައުވާ ލިބޭ އާދަމް މަނިކުގެ އަތުން ނަގައި ދިނުމަށް އަމުރުކޮށްދިނުމަށް މިމައްސަލަ ހުށަހަޅާކަމަށް މައްސަލައިގެ ތަޢާރަފްގައިވެއެވެ.
ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް ދައުވާލިބޭ ފަރާތުން ކަނބާލިފަރުގެ ސްޓްރަކްޗަރ އަށް ބަދަލު ގެނައުން ނުވަތަ އިމާރާތެއް ކޮށްފިނަމަ އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތުމާއި މައްސަލަ ވަކިގޮތަކަށް ނުނިމެނީސް ކަނބާލިފަރުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށްދިނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތުމުންނެވެ.
މި އަމުރުގައި އެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓުވުމަށް އެދި މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ މައްޗައް ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފައި އެވެ. އެގޮތުން ވަގުތީ އަމުރުގައި ބުނެފައިވަނީ ވަގުތީ އަމުރަށް އެދިފައިވަނީ އާދަމް މަނިކާއި މިނިސްޓްރީތަކުގެ މައްޗަށް ކަމަށް ވީނަމަވެސް ކަނބާލިފަރުގެ މިލްކުރެވި ފަރާތްތަކުގައިވާ ކަނބާލިފަރު ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަކީ އާދަމް މަނިކު އާއި ވަކިން އޮތް ގާނޫނީ ޝަޚުސެއްކަން އެނގެން އޮތަތީ އާދަމް މަނިކުގެ މައްޗަށް މިއަމުރު ނެރެދެވެން ނެތްކަމަށާއި ނަމަވެސް ކަނބާލިފަރުގެ މިލްކުރެވެރިކަން ބަދަލުކުރުން ހުއްޓުވުމަށް މިނިސްޓްރީ ތަކުގެ މައްޗަށް އަމުރު ކުރެވިދާނެކަމަށް ބުނެފައިވެއެވެ.
އަދި ޖުޒެއްޕެގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގައި ކަނބާލިފަރުގެ ސްޓްރަކްޗަރ އަށް ބަދަލު ގެނައުން ހުއްޓުވުމަށް އެދިފައިވާތީ އެއީ މާލީ ގޮތުން ވަޒަންކުރެވިދާނެ ގެއްލުންތަކެއްކަމަށާއި އެއީ ބަދަލު ދެވިދާނެ ގެއްލުންތަކެއް ކަމުގައިދެކޭތީ އެދިފައިވާ ވަގުތީ އަމުރުގެ މިބަޔަށް އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތްކަމަށް ބުނެފައިވެއެވެ. ނަމަވެސް ކަނބާލިފަރުގެ މިލްކުވެރިކަން ތިން ވަނަ ފަރާތަކަށް ނަގުލުވެއްޖެނަމަ އެއީ އިއާދަނުކުރެވޭނެ ގެއްލުމެއްކަމަށް ދެކޭތީ އެދިފައިވާ ފަދައިން މިލްކުވެރިކަން ނަގުލުކުނުކުރެވޭނެ ފަދައިން ވަގުތީ އަމުރެއް ނެރެދެވޭނެކަމަށް ބުނެފައިވެއެވެ.
ށ. ކަނބާލިފަރަކީ ސަރަނގު އާދަމް މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)މެދުވެރިކޮށް ލޯނެއް ނެގުމަށް ރަހުނުކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށެކެވެ.