ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 00:55
ރައީސް ރ. ރަސްމާދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް ރ. ރަސްމާދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ރަސްމާދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ރަސްމާދޫ ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަމަށް ދަންނަވާފައި
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިއަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެކަމަށް ވިދާޅުވެފައި

ރ. ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ރަސްމާދޫގައި ނުހިންގާވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރަސްމާދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ، ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަމަށް ދަންނަވާފައެވެ. މީގެ އިތުރުންވެސް ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން، ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްރަށުގެ އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް