Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2023 | ބުރާސްފަތި 15:06
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
މުއިއްޒު ދޮގު ބަޔާން ދިނުން
މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކި ބަލައިގަތުމަށް ކޯޓުން ނިންމައިފި
ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުން
ޝަރީއަތުގެ މަރުޙަލާގައި އެ ހެކި ހާމަ ކުރުމުން، އޭގެން ޝައްކުތައް އުފެދޭކަމަށް ދައުލަތުން ބުނޭ
ހެކިތައް ބަލައިނުގަންނަންވީ ޤާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ގާޒީ ވިދާޅުވި

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޑރ މުއިއްޒުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 520 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ބ)ގެ ދަށުން، ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. 

މި މައްސަލައާ ގުޅިގެން ދައުލަތުގެ ވަކީލު ވަނީ، ތަހުގީގުގައި މުއިއްޒު ހަނު ހުރުމުގެ ޙައްޤު ބޭނުން ކުރައްވާފައިވާ ކަމަށާއި، ނަމަވެސް އޭނާއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކުރުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ބުނެފައެވެ.

ހަނު ހުރުމަކީ އަސާސީ ޙައްޤެއް ނަމަވެސް، ތަހުގީގު މަރުޙަލާގައި ހާމަނުކޮށް، ޝަރީއަތުގައި ހާމަކުރާ ދިފާއީ ހެއްކާ ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ހުންނަކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން މައުސޫމުކަން ސާބިތުވާ ހެކި ހުރެމެ، އެ ހެކި ހާމަނުކޮށް، ޝަރީއަތުގެ މަރުޙަލާގައި އެ ހެކި ހާމަ ކުރުމުން، އޭގެން ޝައްކުތައް އުފެދެން މެދުވެެރިވާކަމަށްވެސް ދައުލަތުން ބުނެއެވެ.

ވުމާއެކު، ދައުލަތުން ވަނީ ދިފާއީ ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފައެވެ. އެގޮތުން ވަކިވަކި ދިފާއީ ހެކިންނާ ގުޅިގެން ދައުލަތުން ވަނީ އެ ހެކިތައް ބަލައިނުގަތުމަށް އެދޭ ސަަބަބުތައްވެސް ޝަރީއަތަށް ލިއުމުން ހިއްސާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، މުއިއްޒު ތަހުގީގުގައި ހަނު ހުންނެވުމުގެ ސަބަބުން އޭނާއަށް ވިޓްނަސް ސްޓޭޓްމަންޓު ފުލުހުން ދައްކާފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން އޭރު ބުނެފައިވަނީ ތަހުގީގުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ތުހުމަތުވާ ފަރާތަށް ދިނުމެއް ނޯންނަ ކަމަށާއި، ވުމާއެކު ވިޓްނަސް ސްޓޭޓްމަންޓުވެސް ދޫކުރެވެން ނެތް ކަމަށެވެ. އަދި މުއިއްޒު ތަހުގީގުގައި ހަނު ހުރުމަށް ނިންމާފައިވާތީ، އިތުރަށް އޭނާއަށް ބަޔާން ދައްކާފައެއް ނުވެއެވެ. އޭރު ދިފާއީ ހެކި ހުށަނޭޅުނީ އެ ސަބަބުތަކާހުރެކަމަށް ދިފާއުން ބުނެއެވެ.

އޭގެ އިތުރުން، ވަކި ހެއްކަކުން ޝަރީއަތަށް ސާބިތުވާ ކަންކަމާއި، އެ ހެއްކަށް ދޭނެ ބުރަދަން ފަދަ ކަންކަމަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުން ގޮތުގައި ހުށައަޅާ ކަންކަމެއް ނޫންކަމަށްވެސް، ދިފާއުން ބުނެއެވެ.

Advertisement

ދެފަރާތުން ފާހަގަ ކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ، މުއިއްޒުގެ ފަރާތުން ހުށައަޅާފައިވާ ހެކިތައް ބަލައިގަތުމަށެވެ. އެގޮތުން އެ ހެކިތައް ބަލައިނުގަންނަންވީ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމެވެ.

ދައުލަތުން ދައުވާގައި ބުނެފައިވަނީ ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެފަދަ އެއްވެސް ބަޔާނެއް ދެއްވާފައިނުވާނެކަމަށް ވިދާޅުވެ މުއިއްޒު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

މި މައްސަަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް