ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދޮގު މައުލޫމާތު ދިނުމާއި، މަނީ ލޯންޑަރުކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ މައްސަލައިގައި، އޭނާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅާފައިވަނީ މުއްދަތު ހަމަވީ ފަހުންކަމަށް ދައުލަތުން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޮތީ އާޒިމާގެ ފަރާތުން ހުށައަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ނުނިމި އޮތް ބައި ކުރިއަށް ގެންދިއުމެވެ. އެހެންނަމަވެސް މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އާޒިމާ ޝަކޫރުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށައަޅާފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ފަހުންކަމަށެވެ.
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 117 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް 15 ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދެވިދާނެ ކަމަށެވެ.
މި މައްސަލައިގައި 27 މާރޗު 2022 ގައި ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އެގޮތުގެ މަތިން 15 ދުވަސް ދެއްވައި، 18 އޭޕްރީލް 2022 ގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމަށް ދަންނަވާފައެވެ.
އެހެންނަމަވެސް، އާޒިމާގެ ފަރާތުން ހުށައަޅާފައިވަނީ 1 ޖޫން 2022 ގައެވެ. ވުމާއެކު، ދައުލަތުގެ ވަކީލު ވަނީ އާޒިމާގެ ހުށަހެޅުންތައް ބަލައިނުގަތުމަށް އެދިލައްވާފައެވެ. އެގޮތުން ޤަވާއިދުގައި އެހާ ސާފުކޮށް ބަޔާންވެފައި އޮއްވައި، 15 ދުވަހަށްވުރެ ދިގު މުއްދަތެއް ދިނުމަކީ ގާޒީއަށް ލިބިގެންވާ އިހުތިޔާރެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ ދެމެދުގައި ހައިކޯޓާއި ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅޭ އިސްތިއުނާފީ އަޑުއެހުންތަކެއް ކުރިއަށް ދިއުމަކީ މުއްދަތުގެ ތެރޭގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ނުޖެހޭ ސަބަބެއް ނޫން ކަމަށްވެސް ދައުލަތުން ދެކެއެވެ.
އެ ޙާލަތުގައިވެސް ޝަރީއަތް ފަސްކުރެއްވުމަށް ގާޒީއަށް ނިންމެވިދާނެ ކަމަށާއި، ނަމަވެސް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް މުއްދަތުގެ ފަހުން ހުށަހެޅުމުން ބަލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ދައުލަތުގެ ލިއުންތައް ބަލައިނުގަތުމަށް ގާޒީ ނިންމެވީވެސް މުއްދަތުގެ ތެރޭގައި ހުށައަޅާފައިނުވާތީކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާތާ ދެ ދުވަސް ތެރޭގައި އެ ހުށަހެޅުން ހުށަހެއެޅި ހަސްމު ނޫން އަނެއް ހަސްމު އެ ހުށަހެޅުމެއްގެ ޖަވާބު ލިޔުމުން ހުށަހަޅަން ޖެހޭކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، އާޒިމާގެ ފަރާތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހުށަހެޅި ހުށަހެޅުންތަަކަށް ރައްދުގެ ލިޔުން ހުށަހެޅީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އެ ހުށަހެޅުންތައް ހުށަހެޅިތާ 2 މަސް ދުވަސް ފަހުންނެވެ. އެހެންކަމުން އޭރު ޝަރީއަތުން ނިންމީ ދައުލަތުގެ އެ ލިއުންތައް ބަލައިނުގަތުމަށެވެ.
ވުމާއެކު، މި ޙާލަތުގައިވެސް އެއް ހަމައެއްގެ މަތިން ކަންކަން ކުރެއްވުމަށް ދައުލަތުން އެދިލެއްވިއެވެ.
ދައުލަތުން ހުށައެޅި އިޖުރާއީ ނުކުތާއާ ގުޅޭގޮތުން އާޒިމާގެ ވަކީލު ވިދާޅުވީ، އިދާރީ ގޮތުން އެކަންކަން ބަލަހައްޓާ ވަކީލު ބަލިވުމުގެ ސަބަބުން އަޑުއެހުމަށް ހާޒިރުނުވާ ކަމަށާއި، ދައުލަތުގެ ވާހަކަތަކަށް ޖަވާބު ދިނުމަށް ފުރުސަތަކަށް އެދޭ ކަމަށެވެ.
ވުމާއެކު، ގާޒީ ވަނީ ލިއުމުން ޖަވާބު ދިނުމަށް 2 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ. ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ އިޖުރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމެވުން އޮންނާނެ ކަމަށެވެ.
އެހެންނަމަވެސް އަޑުއެހުން އޮންނާނެ ވަކި ތާރީޚެއް ގާޒީ އިއުލާނު ކުރައްވާފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.