އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ސެމީފައިނަލް މެޗަށްފަހު ރެފްރީއަށް ހަމަލާދިން ގުރައިދޫ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި, އޮފިޝަލުންނަށް އެފްއޭއެމްއިން އަދަބު ދީފިއެވެ.
އެމެޗަށް ރަޖިސްޓްރީކޮށްފައިވާ ގުރައިދޫ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި, އޮފިޝަލުންނަށް ދިން އަދަބަކީ އެފްއޭއެމްއިން ރާވާ ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭގޮތަށް އެއް އަހަރަށް ސަސްޕެންޑް ކުރުމެވެ. މީގެއިތުރުން އެއިދާރާއިން ރާވާ ހިންގާ އެއްވެސް ހަރަކާތެއްގައި ގުރައިދޫ ސްކޫލް ތަމްސީލް ކުރި ނަމަވެސް ދިހަ މެޗު ހަމަވަންދެން ސަޕޯޓަރުން ވަނުމުގެ ފުރުޞަތު ނުދޭންވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ. މީގެއިތުރުން އެފްއޭއެމްއިން ރާވާ ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭގޮތަށް ދެ އަހަރަށް ގުރައިދޫގެ ތިން ކުޅުންތެރިއަކު ސަސްޕެންޑްކުރިއެވެ. އެތިން ކުޅުންތެރިންނަކީ ހުސެއިން ރަޒީން, މޫސާ އައިލަމް އަދި ހަސަން ރަޒާންއެވެ.
ގުރައިދޫ ސްކޫލްގެ ޓީމަށް އަދަބު ދިނީ މެޗު ނިމުނު ފަހުން މެޗުގެ ރެފްރީއަށް ގުރައިދޫ ޓީމްގެ ކުޅުންތެރިން ނުރުހުން ފާޅުކޮށް, ހަމަލާދިންކަން އެނގެން އޮތުމުންކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ގުރައިދޫ ޓީމްގެ އޮފިޝަލުން މެޗު އޮފިޝަލުންނަށް މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ގުރައިދޫ ޓީމްގެ ސަޕޯޓަރުންވެސް މެޗު އޮފިޝަލުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް އެފްއޭއެމްއިން ބުންޏެވެ. ފިޔަވަޅު އެޅީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހުއެވެ.
މެޗު 2-1 ން ކާމިޔާބުކުރީ ކަލާފާން ސްކޫލެވެ.