ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 04:01
ތުރުކީއަށް އައި ބިންހެލުން
ތުރުކީއަށް އައި ބިންހެލުން
ރޮއިޓާސް
ތުރުކީއަށް އައި ބިންހެލުން
ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަށްގުނަ އިތުރުވެދާނެ: ޑަބްލިއުއެޗްއޯ
ތުރުކީން 2،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސީރިއާއިން 1200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

ހޯމަ ދުވަހު ތުރުކިއާއަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 8 ގުނައަށް އެރުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މިއީ ފާއިތުވި އަހަރުތަކުގައި ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެގޮތުން، ހޯމަ ދުވަހު ދެ ބިންހެލުމެއް އައިސްފައިވާއިރު ފުރަތަމަ ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ ގަޑިން ފަތިހު 4:17 ހާއިރުއެވެ. އެ ބިންހެލުމުގެ ބާރުމިން 7.8 މެގްނިޓިއުޑް ހުރިކަމަށް ރެކޯޑުކޮށްފައިވާއިރު މެންދުރުގެ ވަގުތެއްގައި އައި ބިންހެލުމުގެ ބާރުމިން 7.5 މެގްނިޓިއުޑަށް އަރައެވެ.

މި ދެ ބިންހެލުން އައިސްފައިވަނީ ތުރުކީގެ އިރު ދެކުނާއި ސީރިއާ ބޯޑަރު ކައިރިއަށެވެ. މި ކާރިސާގައި ސީރިއާއިން ވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

މި ކާރިސާގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި އެ މާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ވަނީ ތާށިވެފައެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެކި ޤައުމުތަކާ ގުޅިގެން ތުރުކީން އަންނަނީ ކުރަމުންނެވެ. ސަލާމަތް ކުރުމުގެ ތެރެއިން އަދިވެސް މަރުވެފައިވާ މީހުން ދަނީ ފެންނަމުންނެވެ.

މި ކާރިސާގައި އެންމެފަހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި ތުރުކީން 2،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސީރިއާއިން 1200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށްދާއިރު މަރުވެފައިވާ މީހުން ފެންނަމުންދާތީ ޑަބްލިއުއެޗްއޯއިން ވަނީ މަރުވި މީހުންގެ އަދަދު މިހާރު ރެކޯޑު ކޮށްފައިވާ އަދަދަށްވުރެ އަށް އިންސައްތަ އިތުރުވެދާނެ ކަމަށް އިންޒާރު ދީފައެވެ. އަދި މި ކާރިސާގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުވެ ނުރައްކަލަށް ހުށަހެޅޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން މިހާ ނުރައްކާތެރި ބިންހެލުމެއް ތުރުކީއަށް އައިސްފައިވަނީ 1939 ގައެވެ. އެ ބިންހެލުމުގައި އެ ޤައުމުން 33،000 މީހުން މަރުވިއެވެ. އަދި 1999 ވަނަ އަހަރު އައި ބިންހެލުމެއްގައި 17000 މީހުން ވަނީ މަރުވެފައެވެ.

މި ކާރިސާއާ ގުޅިގެން ތުރުކީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.

- ކޮމެންޓް