8 މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅޭގޮތުން މިދިޔަ އަހަރު އެމަނިކުފާނު ވިދާޅުވި ޤާނޫނީ މަރުހަލާތައް ފެށިގެން ކުރިއަށް އެބަދާ ކަމަށެވެ. ރިޔާސީ ކޮމިޝަންގެ ތަހްޤީޤު ރިޕޯޓުގެ މައްޗަށް މައްސަލަތައް ކުރިއަށް ގެންދަވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށާއި، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 5 ފަރާތަކަށް ކުރެވުނު ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވާ އިރު، އިތުރު 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށްދާ ކަމަށެވެ. އަދި ގުޅުންހުރި އިތުރު 53 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އެބަގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެތެރެއިން 8 މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް އޭސީސިއާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދޭ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަނުން ހިންގި އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމާ އެ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެއިތުރުން އެ މައްސަލައިގައި ދަޢުވާ ލިބޭ 3 ފަރާތެއް ހައްޔަރުކޮށް، ކޯޓު މަރުހަލާ ފެށިފައިވާ ކަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ކުރަމުންދާ ކަމަށާއި، އިތުރު މައްސަލަތަކުގެ މަސައްކަތް ވެސް ކޮމިޝަނުން ކުރަމުންގެންދާ ކަމަށެވެ.