ދިވެހި ފުޓުބޯޅަ މިހާރު އޮތް ޙާލަތަށް ބަލާނަމަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ފެޔަށް ޖެހިލައިފި ނަމަ ފުޓުބޯޅައިގެ ފޯރި އޮންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އެ ކުލަބުގެ ޗެއާމަން އަޙުމަދު ސާޖިދު ބުނެފި އެވެ.
ސާޖިދު މިހެން ބުނީ އައު ސީޒަނަށް މާޒިޔާ އިން ހަމަޖެއްސި ބިދޭސީ ކޯޗު އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސާޖިދު ބުނީ މިވަގުތު އެހެން ބަޔަކު އަންނަން ދެން ވެސް މިކަން އެގޮތުގައި ކުރިއަށް ގެންގޮސް، ދެމެހެއްޓޭތޯ މާޒިޔާ އިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މާޒިޔާގެ މަސައްކަތްތައް ވެސް ބައްޓަން ކުރަމުން އަންނަނީ އެގޮތުގެ މަތިން ކަމަށެވެ. ސާޖިދު ބުނީ އެންމެނަށް ވެސް އެނގޭނެ ފަދައިން އެކަމުގައި ބޮޑު ޚަރަދުތަކެއް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް މިވަގުތު ދިވެހި ފުޓުބޯޅަ އަށް އެ ނޫން ގޮތެެއް ނެތް ކަމަށެވެ.
އެގޮތުން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. ދެން ތިބޭފުޅުންނަށް ވެސް އިނގިލައްވާނެ މިއީ ވަރަށް ބޮޑު ހޭދައެއް ހިނގާކަމެއް ކަން. ދެން އެކަމަކު ވެސް މިވަގުތު ދިވެހި ފުޓުބޯޅަ އަށް މި ނޫން ގޮތެއް ނެތީމާ، ހަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިކަން ކުރެވޭތޯ މަސައްކަތް ކުރަނީ.އަޙުމަދު ސާޖިދު / މާޒިޔާގެ ޗެއާމަން
ފުޓުބޯޅަ ސީޒަން އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނައިރު، މިވަގުތު ތައްޔާރުވަމުން އަންނަ ހަމައެކަނި ކުލަބަކީ މާޒިޔާ އެވެ. އެ ކުލަބުން އަންނަނީ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމުގެ އިތުރުން، އެހެން ކުލަބުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. މިވަގުތަށް ބަލާއިރު، ރާއްޖޭގައި ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެވިގެން، ކަންކަން ބަލަހައްޓަމުން އަންނަ ހަމައެކަނި ކުލަބަކީ މާޒިޔާ އެވެ. އެ ޓީމުން ވަނީ މިދިޔަ ތިން އަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ދިވެހި ފުޓުބޯޅައިގައި ހުރި މައްސައްލަތަކާއެކު ގިނަ ކުލަބުތަކަށް ކުޅުންތެރިންނަށް މުސާރަ ނުދެވޭ ކަމުގެ ޝައުވާ އަކީ އެންމެ ބޮޑު އެއް ވާހަކަ އެވެ.
ސާޖިދުގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ޖެނަރަލް ސެކްޓްރީ އަބްދުލް ވައްޙާބު (ވައްކޭ) ވަނީ މާޒިޔާ ކުރިއަށް ދިޔުމުގައި ޗެއާމަންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މާޒިޔާ އިން ޓީމެއް ބިނާ ކުރަނީ މިއަހަރުގެ ސީޒަންގެ އިތުރުން އޭއެފްސީ ކަޕަށް އަމާޒުކޮށްގެން ކަމަވެ. އަދި އެ މުބާރަތަކީ މާޒިޔާ އިން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ މުބާރާތެއް ކަމަށާއި، ނަމަވެސް މިހާތަނަށް އެމުބާރާތުގެ ދެ ވަނަ ބުރާ ހަމައަށް ނުދެވޭ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަނީ އެ ޓާގެޓަށް ވާސިލްވުމަށް ކަަމަށް ވެސް ވައްކޭ ބުންޏެވެ. އޭނާ ބުނީ ރާއްޖޭގައި ތިބި ރަނގަޅު ކުޅުންތެރިން ހޯދުމުގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ.
މާޒިޔާ އިން ގިނަ ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނައިރު، އެހެން ކުލަބުތަކުގެ މަސައްކަތް ފެންނަނީ ވަރަށް ފަނޑު ކޮށެވެ.