އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ހަމަޖައްސައިފި އެވެ.
އައު ސީޒަނަށް ތައްޔާރުވަމުން އަންނަ މާޒިޔާ އިން އެ ޓީމުގެ ކޯޗަކަށް އިވާން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އުމުރުން 65 އަހަރުގެ އިވާން މާޒިޔާއާ ހަވާލުވީއިރު، އޭނާ އަކީ 1982 ވަނަ އަހަރުން ފެށިގެން ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު ކޯޗެކެވެ. މިއީ ފުރަތަމަ ޑިވިޝަންގައި މާޒިޔާ އަށް އިރުޝާދު ދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ. ނިމުނު ސީޒަންގައި މާޒިޔާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ.
މާޒިޔާގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އިވާން ބުނީ، މާޒިޔާގެ މެނޭޖްމަންޓުން އޭނާާ އަށް ފުރުސަތު ދިން ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ. އޭނާގެ ޒިންމާ އަކީ މާ ގިނަ ވާހަކަތަކެއް ދެއްކުން ނޫން ކަމަށާއި، ޒިންމާ އަކީ ދަނޑު މަތިން ޖަވާބު ދިނުން ކަމަށެވެ. އޭނާ ބުނީ ކުރިން ރާއްޖޭ ކުޅުންތެރިންގެ ކުޅުން ފެނިފައިވާ ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ރާއްޖޭގައި ތިބީ ރަނގަޅު ކުޅުންތެރިން ކަމަށެވެ. އެ ކުޅުންތެރިންގެ މޮޅު ހުނަރުތަކެއް ހުރިކަން ފާހަގަ ކުރަމުން އިވާން ބުނީ، އެންމެން އެކުގައި ރަނގަޅަށް މަސައްކަތް ކޮށް، ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަހަރެން އުންމީދު ކުރަނީ އަހަރަމެން އެކުގައި މަސައްކަތް ކޮށްފި ނަމަ، ޓީމު ކުރިއަަރުވަން މަސައްކަތް ކޮށްފި ނަމަ، ޓީމު އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ ފުރުސަތު އެބަ އޮތް.އިވާން ވެންކޯވް ކޮލޭވް / މާޒިޔާގެ ކޯޗު
މީގެ އިތުރުން އިވާން ބުނީ، އޭނާ އެންމެ ފުރަތަމަ ބަލަން ބޭނުންވަނީ ޓީމުގައި ތިބި އެންމެ މޮޅު ކުޅުންތެރިންނަކީ ކޮބައިތޯ އެވެ. އަދި ކުޅުންތެރިން ދެނެގަނެ އެކުގައި ކުރިއަށް ދާން އޭނާ އަށް އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
އިވާން ވަނީ ބަލްގޭރިއާގެ 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ. އެއަށްފަހު އޭނާ ވަނީ އިންޑޮނޭޝިއާ އަދި މިޔަންމާގެ ޤައުމީ ޓީމުގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ވެސް އިވާން ވަނީ ކުލަބް ލެވެލްގައި ވެސް ގިނަ ކުލަބުތަކަށް ކޯޗުކަން ކޮށްދީފަ އެވެ.