ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހިރައްޔިތެއް ކަމަށާއި، ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހި ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ޙަވާލުވެވެނީ ތަޞައްވުރެއް އޮވެ، ވަޢުދުވެ، ވީވަޢުދު ފުއްދުމުގެ މައްޗަށް ކަމަށެވެ. އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް އެންމެ ބޮޑު އިސްކަން ސަރުކާރުން ދީގެން ކަމަށެވެ. އެގޮތުން ގައުމުގެ ހަމަޖެހުމާއި ޢާންމު މަޞްލަޙަތާއި އަމާންކަން ގެއްލިފައިވާނަމަ، އެންމެ ފުރަތަމަ ސަރުކާރުން އިޢާދަ ކުރަންޖެހޭނީ އެކަންކަން ކަމަށެވެ.
އެކަންކުރެވޭނީ، އަޑުއެހުމާއި މަޝްވަރާއާއި ދޫދިނުމާއި އަދި ހިފަހައްޓަންޖެހޭ އިންތަކާއި މިންތަކުގައި ސަރުކާރު ސާބިތުވެ ދެމިއޮވެގެން. ފާއިތުވި 4 އަހަރަކީ އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ މިދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި 4 އަހަރު. އަދި ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ދޭދޭ ކޮންމެ ދެ މީހަކާއި ދެ ގެއާއި ދެ އަވަށާއި ދެ ރަށާއި އަދި ދެ އަތޮޅު ވިޔަސް، ފަރަގު ހުންނަ ކަމަށެވެ. އަމުދުން ސިޔާސީ ޕާޓީތަކުގައި އެކަން ބޮޑު ކަމަށާއި، އެހެންނަމަވެސް ސަރުކާރަށް ހައްތަހާ ވެސް ތިބޭނީ ހަމަހަމަ ދިވެހި ރައްޔިތުން ކަމަށެވެ. މީގެއިތުރުން އަދާކުރަން ޖެހޭ ޙައްގުތަކާއި އުފުލަން ޖެހޭ މަސްއޫލިއްޔަތާއި ދޭންޖެހޭ ޚިދުމަތުގައި ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހި ރައްޔިތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ ތަފާތެއްގެ މަތީގައި، އެކަތިގަނޑެއްގެ ގޮތުގައި، ގާއިމްވެ އޮންނަ މާ މުގައްދަސް އެހެން އެއްޗެއް އެބަވޭ. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިގައުމިއްޔަތާއި، އަދި މިގައުމު. ދިވެހި ދިދަ ދޭ ހިޔަލުގައި ނެތް ތަފާތެއް ސަރުކާރަކަށް ނުގެންގުޅެވޭނެ. ތަފާތު ކުރުން ދޫކޮށްލުމުން، ކުރިން ނެތް އެތަށް ހަމަޖެހުމަކާއި، ކިތަންމެ މަޞްލަޙަތެއް އިޢާދަ ކުރެވި، ހިފެހެއްޓި ދެމެހެއްޓިއްޖެ. ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބެގެން ސަރުކާރު ކުރިއަށްދާކަން، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށައިފިރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ޝައްކެއް ނެތްގޮތުގައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާހް އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށެވެ. އިސްލާމްދީނުގެ ސައްހަ އަގީދާއާއި ރިވެތި އަހްލާގާ ނުލައި ފުރިހަމަ ދިވެހި ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.
މިގޮތުން މިދިޔަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހައްދަކީ ކޮންމެ ކޮޅަކަށް ވެސް ފަހަނަ އެޅޭ އެއްޗެއް ކަމަށާއި، ދީނުގެ ނަމުގައި އަދި ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.