ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ގާނޫން ނަމްބަރު 2010/8 ގެ ދަށުން އެކުލަވާލަން ޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަރުއީ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަން ކަނޑަޢަޅައިފައި އޮތްނަމަވެސް އެ މަސައްކަތް މީގެ ކުރިން އޮތީ ނުކޮށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާތެރޭ ހުޅުމާލޭގައި ހުޅުވިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާތެރޭ ހުޅުމާލޭގާ ހުޅުވިގެންދާނެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރު ކޮށްދިނުމަށްޓަކައި ސަރުކާރުން ހަތަރު އަތޮޅެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ޚިދުމަތް ދެވޭނެ މީހުން ވަނީ ތަމްރީނު ކޮށްފައެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕިއުޓިކް ފަރުވާއަށް ދިއުމުގެ ފުރުސަތު މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީ ވެސް ފޯރުކޮށްދެމުންދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ވެސް، ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް ފެނަކައިން އިތުރަށް ވަޒީފާ ދީފައިވެއެވެ.
އަދި ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތުން އެއްވެސް މިންވަރެއް އުނިނުކޮށް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.