ކ. މާލެ
|
5 ފެބްރުއަރީ 2023 | އާދީއްތަ 07:39
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓަސް
ރެއާލް މެޑްރިޑް
މަޔޯކާއާ ދެކޮޅަށް ނުކުންނައިރު އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭތީ އަންޗެލޮޓީގެ ކަންބޮޑުވުން
ކަންބޮޑުވުން އޮތީ އެންމެ ފަހުން މެޗު ކުޅުނުތާ 72 ގަޑިއިރު ނުވަނީ ވެސް ދެ ވަނަ މެޗަށް ނުކުންނަން ޖެހޭތީ

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ނުކުންނައިރު، އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭތީ ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލީގުގައި ރެއާލުން އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނީ ހުކުރު ދުވަހު އެވެ. އޭގެ ފަހުން އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އޭނާގެ ކަންބޮޑުވުން އޮތީ އެންމެ ފަހުން މެޗު ކުޅުނުތާ 72 ގަޑިއިރު ނުވަނީ ވެސް ދެ ވަނަ މެޗަށް ނުކުންނަން ޖެހޭތީ ކަމަށެވެ. އަދި އެކަން އެގޮތަށް ވާން ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަންޗެލޮޓީ ބުނީ އިދިކޮޅަށް ކުޅެން ޖެހޭ މަޔޯކާ ޓީމަކީ ޑިފެންސްގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެމީހުންނަކީ ޓީމެއްގެ ގޮތުގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެމީހުން ލިބޭ ކައުންޓައެޓޭކުގައި ނުރައްކާ ކުރާނެ ކަމަށް އަންޗެލޮޓީ ފާހަގަކުރިއެވެ.

ބާސެލޯނާ އަށް ވުރެ ކުރިން މާދަމާ މެޗު ކުޅުން؟ އަހަރަމެން އެންމެ ބޮޑަށް ކަންބޮޑު ވަނީ އަރާމުކުރަން 72 ގަޑިއިރު ވެސް ނުލިބި އަނެއްކާ މެޗަކަށް ކުރިމަތިލާން ޖެހޭތީ. މިއީ ރަނގަޅު ގޮތެއް ނޫން.
ކާލޯ އަންޗެލޮޓީ / ރެއާލް މެޑްރިޑުގެ ކޯޗު

މީގެ އިތުރުން އަންޗެލޮޓީ ވަނީ ރެއާލަަށް ކުޅެމުން އަންނަ ޓޯނީ ކްރޫސްގެ ވާހަކަ ދައްކައިފަ އެވެ. ރެއާލާއެކު ކްރޫސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމާ ގުޅިގެން އަންޗެލޮޓީ ބުނީ، ކްރޫސްގެ އެއްބަސްވުން އައުކުރުމާ ގުޅޭ ގޮތުން އޭނާ އަށް އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، އެކަމުގެ މަޝްވަރާތައް ރެއާލާއެކު ކުރިއަށް ގެންދާނީ ކްރޫސް ކަމަށެވެ. އަންޗެލޮޓީ މިހެން ބުނިއިރު، މި ސީޒަނަށްފަހު އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ކުލަަބް ފުޓުބޯޅައިން ރިޓަޔާވާނެ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. ކްރޫސް ވަނީ ޤައުމީ ޓީމަށް ވެސް ކުޅުން ހުއްޓާލައިފަ އެވެ.

ލީގުގައު ރެއާލުން މަޔޯކާއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ހަވީރު ރާއްޖޭ ގަޑިން ހައެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް