ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 07:55
އަލް ނަޞްރުން ކުޅުނު މެޗުގައި ރޮނާލްޑޯ
އަލް ނަޞްރުން ކުޅުނު މެޗުގައި ރޮނާލްޑޯ
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބު ކުރި ޕެނަލްޓީއާއެކު އަލް ނަޞްރު ސަލާމަތްވެއްޖެ
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެން

ސައުދީ ޕްރޯ ލީގުގައި އަލް ފަތުހާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އަލް ނަޞްރު ސަލާމަތްވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ފަތުހު އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ޓެލޯ އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަޞްރުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. ދެ ވަނަ ހާފަށް ނުކުމެ އަލް ފަތުހު އިން ވަނީ ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސޮފިއާން ބެންޑެބްކާ އެވެ. މެޗުން އަލް ނަޝްރު ބަލިވާން ދަނިކޮށް އެ ޓީމު ސަލާމަތްވީ އިތުރު ވަގުތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީންނެވެ. މިއީ ސައުދީ ލީގުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ލަނޑު ޖެހި ޓަލިސްކާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

މެޗު އެއްވަރުވުމުން އަލް ނަޞްރާއި ދެ ވަނައިގައި އޮތް އަލް ޝަބާބާ ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. އަލް ނަޞްރު އެއް ވަނައިގައި އޮތީ ކުޅުނު 15 މެޗުން 34 ޕޮއިންޓާއެކު އެވެ. ދެ ވަަނައިގައި އަލް ޝަބާބު އޮތީ އެ ޓީމަށް ވުރެ މެޗެއް މަދުން ކުޅެގެންނެވެ. ލީގުގައި އަލް ބަޓިންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އަލް ޝަބާބަށް އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އެބަ އޮތެވެ.

- ކޮމެންޓް