އެމެރިކާގެ ބައެއް ސަރަހައްދުތަކުން ފެނުނު ޗައިނާގެ އެއަރ ބެލޫނަކީ "ސްޕައި ބެލޫން" އެއް ނޫންކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ "ސްޕައި ބެލޫން" އެއް ނުވަތަ ޖާސޫސީ އެއަރ ބެލޫނެއް އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައިވާކަމަށް ބުނެ، އެއަށް ފާރަލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެއީ "ސްޕައި ބެލޫން"އެއް ނޫން ކަމަށާއި އެއީ މޫސުން ބެލުމަށް އެގައުމުން ގެންގުޅޭ ސިވިލިއަން އެއަރ ކްރާފްޓެއް ކަމަށް ޗައިނާއިން ބުނެފައިކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އެ ބެލޫން އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައިވާތީ އެކަމަށް ޗައިނާއިން މާފަށް އެދިފައިވާކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލުން ވިދާޅުވި ގޮތުގައި ވަރަށް މަތިން ދަތުރު ކުރާގޮތަށް އުފައްދާފައިވާ މި ބެލޫން ދޫކޮށްފައިވަނީ ޗައިނާއިން ކަމާމެދު ޝައްކެއް ނެތެވެ. ބެލޫން އެންމެ ފަހުން ފެނިފައިވަނީ އެމެރިކާގެ ހުޅަނގުފަޅީގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާގެ މަތިން ދަތުރު ކުރަމުން ދަނިކޮށެވެ. އެމެރިކާގެ އޮފިޝަލުން ވަނީ ބެލޫން ވައްޓާނުލުމަށް ނިންމާފައެވެ. އެއީ ބެލޫން ހަލާކުވެގެން ފައިބާ ބައިތަކުގެ ސަބަބުން ބަޔަކަށް ގެއްލުމެއް ވެދާނެތީ އެވެ.
މިކަމާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ ހަގީގަތް "ވެރިފައި" ވަންދެން ހަމަ އެކަނި ހީއަކަށް ފާޑުފާޑު ވާހަކަ ދައްކާ މައްސަލަ ހޫނު ނުކުރުމަށް އެދޭ ކަމުގައެވެ.
ހަމަ މިފަދަ ބެލޫންއެއް ކެނަޑާ މަތިން ވެސް ފެނިފައިވާ ކަމަށް އެގައުމުން ވެސް ހުކުރު ދުވަހު ބުނެފައިވެއެވެ. މިއީ އޭގެ ދެވަނަ ބެލޫންއަކަށް ވެދާނެ ކަމަށް ބުނެފައި ވީނަމަވެސް ޝައްކުކުރެވޭ ގައުމެއްގެ ނަން ކެނެޑާއިން ބުނެފައެއް ނުވެއެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުން ކެނެޑާގެ އިންޓެލިޖަންސް ކަންކަމާބެހޭ ނާޒުކު މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފާނެތީ، އެކަން ހުއްޓުވުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކާއެކު ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ކެނެޑާއިން ބުނެފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ބެލޫން ދަތުރު ކޮށްފައިވަނީ އެލަސްކާ މަތިން ކެނެޑާ މަތިން އެމެރިކާގެ މޮންޓާނާ މަތިންނެވެ. އެމެރިކާއިން ނިއުކްލިއަރ މިސައިލް ފޮނުވުމަށް ބޭނުން ކުރާނެ 3 "ސައިލޯ" ނުވަތަ ސްޓޭޝަނެއްގެ ތެރެއިން އެއްތަން ހުންނަނީ މީސްކޮޅު މަދު މޮންޓާނާ ސްޓޭޓްގައެވެ. މި ބެލޫން ބޭނުންކޮށްގެން މުހިންމު މައުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް ސެޓަލައިޓް ބޭނުންކޮށްގެން ހޯދޭނެ މައުލޫމާތެއްގެ އިތުރުން މާބޮޑު އެއްޗެއް ހޯދޭނެ ކަމަށް ނުފެންނަ ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުން ވިދާޅުވެފައިވެއެވެ. މީގެއިތުރުން ބެލޫން ދަތުރު ކުރަނީ ކޮމާޝަލް މަތިންދާ ބޯޓު ދަތުރުކުރާ ވަރަށް ވުރެ މަތިން ކަމަށާއި އެހެން ކަމުން އެވިއޭޝަނަށް ވެސް މާބޮޑު ނުރައްކަލެއް ނެތް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ބެލޫން ވައްޓާ ނުލުމަށް އަމުރު އައިސްފައި ވީނަމަވެސް ދިމާވެދާނެ ކުއްލި ހާލަތަކަށް ޓަކައި އެމެރިކާ ސަރުކާރުން އެފް-ޓުވެންޓީ ޓޫގެ ފައިޓަރ ޖެޓުތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޕެންޓަގަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެލޫންގެ ސައިޒާއި މިހާރު އޮތް ހިސާބަކާއި މިފަދަ ބެލޫންއާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް ވަނީ އުޒުރުވެރި ވެފައެވެ.