ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 11:38
ހޮން ކޮންގް އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ
ހޮން ކޮންގް އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ
ގޫގުލް
ޗައިނާ-ހޮން ކޮންގް
ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި
އިނގިރޭސި ވިލާތުން ހޮން ކޮންްގް، ޗައިނާއާ ހަވާލު ކުރިތާ 20 އަހަރު ކުރިން

ހޮން ކޮންގް ގެ ޗީފް އެގްޒެކެޓިވް ކަމުގެ ހުވާ ނުވަތަ ސިޓީގެ ލީޑަރު ކަމުގެ ހުވާ ކެރީ ލެމް ކުރައްވައިފިއެވެ.

ކެރީ ލެމް ވެވަޑައިގެންފައި ވަނީ ހޮން ކޮންގް ގެ އެންމެ ފުރަތަމަ އަންހެން ލީޑަރަށެވެ. އަދި 1997 ވަަނަ އަހަރު އިނގިރޭސިންގެ އަތް ދަށުން ހޮން ކޮންގް މިނިވަންވެ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ދިޔުމަށް ފަހު އެ ސަރަހައްދުގެ އިސްވެރިޔާކަން ކުރައްވާ ހަތަރު ވަނަ ފަރާތަށެވެ.

އިނގިރޭސި ވިލާތުން ޗައިނާއާ ހޮން ކޮންްގް، ހަވާލު ކުރިތާ 20 އަހަރު ފުރުން ފާހަގަކުރާ މުނާސަބާ ހޮން ކޮންގް ގައި ފާހަގަ ކުރަމުންދާއިރު ޗައިނާގެ ރައީސް ޝީ ޖިންޕިން ގެންދަނީ ހޮން ކޮންގް އަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ހޮނިހިރު ދުވަހު ހޮން ކޮންގް ގެ ލީޑަރު ކަމާ ކެރީ ލެމް ހަވާލުވެވަޑައިގެންނެވިއިރު، އެކަމަނާއަށް މަގާމުގެ ހުވާލައިދެއްވީ ޗައިނާގެ ރައީސް ޝީ އެވެ. އާ ލީޑަރު ކެރީ ލެމް މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް ޝީ ވިދާޅުވެފައި ވަނީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" މޮެޑެލް ގެ ދަށުން ހޮން ކޮންގް އަށް އާ ހާލަތްތަކާއި އަދި އާ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޝީ ވަނީ ޗައިނާގެ މައި ސަރުކާރުން ހޮން ކޮންގް އަށް ކަންކަމުގައި އެއްބާރުލުން ދެއްވުމުގައި ދެމިތިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ގެ ދަށުން ހޮން ކޮންގް އަށް ވަނީ ޗައިނާގެ ބައެއް ނުވަތަ ސަރަހައްދެއް ކަމުގައި ވިޔަސް، މިނިވަންކަމާއެކު އެ ސިޓީގެ ސަރުކާރެއް އުފައްދާ އަދި ހިންގާ، ޝަރުއީ، އިގްތިސާދީ އަދި މާލީ ނިޒާމެއް ހިންގުމުގެ މިނިވަންކަން ލިބިފައެވެ.

ހޮން ކޮންގް ގެ ޗީފް އެގްޒެކެޓިވް ކަމަށް ކެރީ ލެމް ހޮއްވަވާފައި ވަނީ ހޮން ކޮންގް ގެ ސަރުކާރަށް ވަފާތެރި އިލެކްޝަން ކޮމިޓީއަކުން ކަމަށް ރިޕޯޓުތައް ބުނާއިރު، އެކަމަނާ ހޮއްވަވާފައި ވަނީ ތިން ކެނޑިޑޭޓުންގެ ތެެރެއިން، 1,194 މެމްބަރުން ތިބޭ ކޮމިޓީ އިން، 777 އަށް ވޯޓު ހޯއްދަވައިގެންނެވެ.

ހޮން ކޮންގް ގެ ލީޑަރު ކެރީ ލެމް މަގާމާއި ހަވާލުވެވަޑައިގަންނަވަމުން ދެއްވި ތަގުރީރުގައި އެކަމަނާ ވަނީ އާ ސަރުކާރާ ދޭތެރޭ ރައްޔިތުންގެ އިތުބާރު އުފައްދާ  ސިޓީއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް