ސްވިޒަލޭންޑްގެ ޕްރިމިއާ ޓްރެވަލް އެންޑް ޓޫރިޒަމް އިވެންޓް ކަމުގައިވާ ފެސްޕޯ 2023ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެ މަންޒިލްގެ ގުދުރަތީ ރީތިކަމާއި ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް މާކެޓްކުރަން ފަށައިފިއެވެ.
ފެބުރުއަރީ މަހުގެ 2-5 އަށް ސްވިޒަލޭންޑްގެ ޒޫރިކްގައި ކުރިއަށްދާ މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ. މި ހަރަކާތަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންޒިއުމަރުން ޒިޔާރަތްކުރާނެއެވެ.
60،000 ޓްރޭޑް ވިޒިޓަރުން ބައިވެރިވާނެ ކަމަށް ބެލެވޭ ހަތަރު ދުވަހުގެ މި އިވެންޓަކީ ފަތުރުވެރިކަމުގެ ހިދުމަތްތައް ގަނެ ވިއްކާ ފަރާތްތައް ގުޅުވާދީ، ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމާއި ރާއްޖޭގެ ބްރޭންޑް ސްވިސް މާކެޓަށް ޕްރޮމޯޓް ކުރުމުގެ ފަހި ފުރުސަތުތަކެއް އެމްއެމްޕީއާރުސީއަށް ފޯރުކޮށްދޭނެ ހަރަކާތެކެވެ. މި ހަރަކާތުގައި އެމްއެމްޕީއާރުސީ އާއެކު އިންޑަސްޓްރީގެ 12 ޕާޓްނަރުން ބައިވެރިވެއެވެ.
އެމްއެމްޕީއާރުސީގެ އަމާޒަކީ މި ހަރަކާތުގެ ޒަރިއްޔާއިން ސްވިސް މާކެޓުގައި ރާއްޖޭއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޓްރެވަލް ޓްރޭޑް އާއި މި މާކެޓުން ރާއްޖެއަށް ދަތުރުކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ފަތުރުވެރިކަމުގެ ފުރުސަތުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މި އިވެންޓުގައި އިންޑަސްޓްރީގެ ބައިވެރިންނަށް ސްވިސް މާކެޓުގެ ކްލައިންޓުންނަށް އެމީހުންގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މިފަދަ އިވެންޓްތަކަކީ ސަނީ ސައިޑް އޮފް ލައިފްގެ ނަލަކަމާއި ސަގާފަތާއި މެހެމާންދާރީ ދުނިޔެއަށް މާކެޓްކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސްވިޒަލޭންޑްއަކީ 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 މާކެޓުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސްވިޒަލޭންޑްއިން ވަނީ ރާއްޖެއަށް 34,737 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން އެމްއެމްޕީއާރުސީއިން ސްވިސް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް މި އަހަރު ވެސް ފިޒިކަލް ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން، މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި އިޝްތިހާރުކުރުމުގެ ކެމްޕޭންތަކާއި ޓްރެވަލް އޮޕަރޭޓަރުންނާ އެކު ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގުމުގެ އިތުރުން ޑެސްޓިނޭޝަން އީ-ލާނިންގ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.