ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 13:05
އިރާންގެ އިސްފަހަން ސިޓީގައި ހުރި އެގައުމުގެ އަސްކަރިއްޔާގެ ފެކްޓަރީއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާ
އިރާންގެ އިސްފަހަން ސިޓީގައި ހުރި އެގައުމުގެ އަސްކަރިއްޔާގެ ފެކްޓަރީއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާ
ރޮއިޓާސް
އިރާނަށް ދިން ޑްރޯން ހަމަލާ
އިރާނަށް ޑްރޯން ހަމަލާދިނީ އިސްރާއިލުން ކަމަށް އެގައުމުން ބުނެފި
އިސްރާއިލުން އެގައުމަށް އަމާޒުކޮށްދިން މިހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާތަކެއް ކަމަށް އިރާންގެ ސަފީރު ވިދާޅުވި
އެގައުމުން ބޭނުންވާ ކޮންމެ ވަގުތެއްގައި ގައުމުގެ ދިފާއުގައި އިސްރާއިލަށް ހަމަލާދިނުމުގެ ހައްގު އެގައުމަށް ލިބެންޖެހޭ ކަމަށް އިރާންގެ ސަފީރު ވިދާޅުވި
އެގައުމުގެ އަސްކަރީ ފެކްޓްރީއަށް އަމާޒުކޮށް ޑްރޯން ހަމަލާ ދިނީ އިސްރާއިލުންކަން ފެންނަން އެބަ އޮތް ކަމަށް އިރާންގެ ސަފީރު ވިދާޅުވި

އިރާންގެ އިސްފަހަން ސިޓީގައި ހުރި އެގައުމުގެ އަސްކަރިއްޔާގެ ފެކްޓަރީއަށް އަމާޒުކޮށް ޑްރޯން ހަމަލާދިނީ އިސްރާއިލުން ކަމަށް އިރާނުން ބުނެފިއެވެ.

އިރާންގެ ނިއުސް އެޖެންސީ އެއްކަމަށްވާ އިރާނިއަން ސްޓޫޑެންޓްސް ނިއުސް އެޖެންސީ (އައިއެސްއެންއޭ) އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުން އިރާނުން ވަނީ އެ ހަމަލާ އަކީ އިސްރާއިލުން ދިން ހަމަލާއެއް ކަަމަށް ބުނެ ހަމަލާގެ ބަދަލު ހިފާނެކަމަށް ބުނެފައެވެ.

އިރާންގެ އަސްކަރިއްޔާގެ ފެކްޓްރީއަށް ޑްރޯން ހަމަލާ އަމާޒުވެފައި ވަނީ އިރާންގެ ނިއުކްލިއަރ ޕްރޮޖެކްޓްތަކާއި ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމާގައި ބޭނުން ކުރުމަށް ރަޝިއާއަށް ދިގުރާސްތާ މިސައިލާ ޑްރޯން އިރާނުން ފޯރުކޮށްދެމުންދާ ކަމަށް ބުނެ އެގައުމާ ހުޅަނގުގެ ގައުމުތަކަމާދެ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެގައުމުގައި ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތަކެއްވެސް ކުރިއަށްގެންދަމުންދާ ދަނޑިވަޅެއްގައެވެ.

އިރާންގެ ސަފީރު އދ.ގެ ޗީފް އަށް އެރުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް ކުރެވުނު ތަހުގީގުން ދައްކާގޮތުން އެގައުމުގެ އަސްކަރީ ފެކްޓްރީއަށް އަމާޒުކޮށް ޑްރޯން ހަމަލާ ދިނީ އިސްރާއިލުންކަން ފެންނަން އެބަ އޮތް ކަމަށެވެ. އަދި މިހަމަލާގެ ސަބަބުން އެގައުމުގެ ސަލަމާތްތެރިކަން ކަށަވަރުކުރުމަށް އެގައުމުން ބޭނުންވާ ކޮންމެ ވަގުތެއްގައި ގައުމުގެ ދިފާއުގައި އިސްރާއިލަށް ހަމަލާދިނުމުގެ ހައްގު އެގައުމަށް ލިބެންޖެހޭ ކަމަށްވެސް އެސިޓީގައި އިރާންގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި އިސްރާއިލުން އެގައުމަށް އަމާޒުކޮށްދިން މިހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާތަކެއް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

އިރާނުން މިގޮތަށް ބުނެފައިވާއިރު، މީގެ ކުރިން އިސްރާއިލުން ވަނީ އިރާންގެ ނިއުކްލިއަރ މިސައިލް ޕްރޮގްރާމަތައް ހުއްޓުވުމަށް ހަމަލާދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސް ނުޖެހޭނެ ކަމަށް އެކި ފަހަރު މަތިން ބުނެފައެވެ. ނަމަވެސް އެގައުމުން އިރާނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދީފައިވާ ކަމުގެ ވަކިވަކި ހާދިސާތަކެއް އިސްރާއިލުންވެސް ފާހަގަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް އިރާނުން ވަނީ އިސްރާއިލުން އެގައުމަށް ހަމަލާދޭން ރާވަމުންދާކަމަށް އެކި ފަހަރުމަތިން ތުހުމަތުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުވެސް އިރާނުން ވަނީ އިސްރާއިލަށް މަސައްކަތްކުރާ ކުރްދިޝް ހަނގުރާމަވެރިންގެ ޓީމެއް އިސްފަހާންގައި ހުންނަ އަސްކަރީ ފެކްޓްރީ ގޮއްވާލުމުގެ މަސައްކަތްކުރަނިކޮށް ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.

އިރާނުން ބުނީ ހޮނިހިރު ދުވަހު އިސްފަހާންގައި ހުންނަ އަސްކަރީ ފެކްޓްރީ ގޮއްވާލަން ބޭނުންކުރި ގޮވާ ތަކެތި އެގައުމަށް ވައްދާފައި ވަނީ އިރާޤުގެ ކުރްދިސްތާންގައި ހަރަކާތްތެރިވާ އެންޓި-ރިވޮލިއުޝަނަރީ ގްރޫޕާ ގުޅިގެން ކަމަށެވެ.

އިރާންގެ ގިނަ ނިއުކްލިއަރ ސައިޓްތަކެއް ހުންނަނީ އިސްފަހާންގައެވެ. އޭގެ ތެރޭގައި އެގައުމުގެ ޔުރޭނިއަމް އެންރިޗްމެންޓް ޕްރޮގްރާމް ހިންގާ ނަތަންޒް ސައިޓްވެސް ހިމެނެއެވެ. މިޕްރޮޖެކްޓަށް އިސްރާއިލުން ހުރަސްއަޅަމުންދާކަމަށް 2021 ވަނަ އަހަރު އިރާނުން ވަނީ ބުނެފައެވެ.

މިފާއިތުވި އަހަރުތަކުގައި އިރާންގެ ނިއުކްލިއަރ އަދި އިންޑަސްޓްރިއަލް ސައިޓްތަކުގައި އަލިފާނުގެ ހާދިސާތަކާއި ގޮވުންތައް ރިޕޯޓުކުރެވޭ ވަރު ވަނީ އިތުރުވެފައެވެ.

2015 ވަނަ އަހަރު އިރާނާ ދުނިޔޭގެ ބާރުތަކާ ދެމެދު، އެގައުމުގެ ނިއުކްލިއަރ ޕްރޮޖެކްޓުތަކާ ގުޅިގެން ވެވުނު އެއްބަސްވުމަށް އަމަލުކުރުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހުއްޓިފައެވެ. 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަޕްވެސް ވަނީ އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާފައެވެ. އެ އެއްބަސްވުމުގެ ދަށުން އިރާނުން ވަނީ އެގައުމާ މެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭ ގޮތަށް އެގައުމުގެ ނިއުކްލިއަރ ޕްރޮޖެކްޓުތައް މަދުކުރަން އެއްބަސްވެފައެވެ.

- ކޮމެންޓް