ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 12:00
ވަކީލުން
ވަކީލުން
ފޭސްބުކް
ގާނޫނީ ވަކީލުން
މާރޗު މަސް ނިމުމުގެ ކުރިން އަހަރީ ފީ ދައްކަން ޖެހެނީ ޑިސެންބަރުގެ ނިޔަލަށް ލޯ ފަރމްތަކުގެ ދަފުތަރުގައި ހިމެނިފައިވާނަމަ
ޤަވާއިދަށް 3 ވަނަ އިސްލާޙު ގެނައުމުގެ ޤަވާއިދު ވަނީ ގެޒެޓުކޮށްފައި
އެގޮތަށް ނިންމާފައިވަނީ ގިނަ އަދަދެއްގެ ލޯ ފާމްތަކާއި ވަކީލުންގެ އެދުމުގެ މަތިން

ފާއިތުވި އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމެނިފައިވާނަމަ، މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ ދައްކަން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާބެހޭ ގަވާއިދުގައި މީގެ ކުރިން އޮތީ ފާއިތުވި އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމެނިފައިވާނަމަ، ޖަނަވަރީމަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ ދައްކަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އެ ޤަވާއިދަށް 3 ވަނަ އިސްލާޙު ގެނައުމުގެ ޤަވާއިދު ގެޒެޓުކޮށް، ބުދަ ދުވަހުން ފެށިގެން އެ ޤަވާއިދަށް އަމަލު ކުރަން ފަށާފައިވާއިރު، އިސްލާޙުގައި ބުނެފައިވަނީ މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލުގެ ފީ ޝެޑިއުލްގައި ބަޔާންކޮށްފައިވާ ގޮ ތުގެ މަތިން، ބާ ކައުންސިލަށް ދައްކަންވާނެ ކަމަށެވެ.

ލީގަލް ޕްރެކްޓިސްއާއި ލޯފާމްގެ އަހަރީ ފީއާއި ޕަބްލިކް ނޯޓަރީގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދޭން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމާފައިވަނީ ގިނަ އަދަދެއްގެ ލޯ ފާމްތަކާއި ވަކީލުންގެ އެދުމުގެ މަތިންނެވެ.

ވަކީލުންގެ އަތުން ނަގާ ފީތައް އިތުރުކޮށްފައިވާއިރު، އެކަން ކުރަން ނިންމާފައިވަނީ އެ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވީމައެވެ. އެގޮތުން, އެ ކައުންސިލުން ދެމުންދާ ޚިދުމަތްތަކާ ގުޅޭ ފީތައް ބޮޑުކޮށް، ބައެއް އާ ފީތައް ވެސް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ވަކީލު ކަމުގެ ހުއްދަ ދޫކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރުމާއި، ލޯފާމް ހިންގުމަށާއި، އަމިއްލަ ލީގަލް ޕްރެކްޓިސް ކުރުމުގެ ހުއްދައަށް ފީ ކަނޑައަޅާފައިވެއެވެ.

ވަކީލުންގެ އަތުން ނަގާ ފީ:

  1. ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭއިރު 2000ރ.
  2. ސުޕްރީމް ކޯޓުގެ ހުއްދަ 2000ރ.
  3. ހައި ކޯޓުގެ ހުއްދަ 1500ރ.
  4. ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުން އަދި އާ ކުރުން 2000ރ.
  5. ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީއަށް 2000ރ.
  6. ލީގަލް ޕްރެކްޓިސް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ 1000ރ.
  7. ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް 500ރ.
  8. ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން 1000ރ.
  9. ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން 1000ރ.
  10. ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން 1000ރ.
  11. އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ އިދާރީ ފީ 5000ރ.

ލީގަލް ޕްރެކްޓިސް އާއި ލޯފާމްގެ އަހަރީ ފީ އަދި ޕަބްލިކް ނޯޓަރީގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރު ކޮށްދިން ނަމަވެސް, އެހެނިހެން ފީތައް ދެއްކުމުގެ އެންމެ ފަހު ތާރީޚު ވަނީ ހަމަވެފައެވެ.

- ކޮމެންޓް