އެން.ސީ.އައި.ޓީން ޑިވެލޮޕްކޮށް، ބަލަހައްޓަމުންދާ އީފާސް ނިޒާމުގެ އައު ވެބް ވަރޝަނެއް ތައާރަފްކޮށް، އޮންލައިންކޮށް އީފާސް ވެރިފައިކުރެވޭނެގޮތް ވަނީ ހަދާފައެވެ.
އީފާހަކީ ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ހިދުމަތް ހޯދާފަރާތް ޑިޖިޓަލްކޮށް ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.
އޮންލައިން ވެރިފިކޭޝަންގެ ޚިދުމަތް ތައާރަފު ކުރުމުގެ ކުރިން، އީފާސް ވެރިފައިކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަމުން އައީ، ވެރިފައިކުރުމުގެ ޚިދުމަތްދޭ ސަރުކާރުގެ އިދާރާތަކުގެ ކައުންޓަރުތަކަށް ހާޒިރުވެގެންނެވެ. އަލަށް މި ތައާރަފުކުރި ވެބް ވަރޝަންއިން ފޭސް ރެކޮގްނިޝަން ޓެކްނޯލޮޖީ މެދުވެރިކޮށް، ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައިކުރެވޭނެ މަގު މިހާރުވަނީ ތަނަވަސްވެފައެވެ. އީފާސް ވެރިފައިކުރުމުން، އީފާސް ނިސްބަތްވާ މީހާގެ އީފާސްކަން ކަށަވަރު ކުރެވެއެވެ. އަދި އޮންލައިންކޮށް ޚިދުމަތްދޭ ފަރާތްތަކަށް، ހިދުމަތް ދެވެނީ ސައްހަ މީހާއަށްކަން ދެނެގަނެވޭނެއެވެ.
މިގެނެވުނު ބަދަލާއެކު، އީފާހުގެ ވެބް އެޕް ވަނީ އިތުރަށް ތަރައްގީކުރެވިފައެވެ. މި ވެބް އެޕް މެދުވެރިކޮށް އީފާސް ވެރިފައިކުރުމުގެ ޚިދުމަތް ތައާރަފު ކުރުމުގެ އިތުރުން، އީފާސް ބޭނުން ކުރެވެމުން ދާގޮތުގެ މައުލޫމާތު ފަސޭހައިން ބެލޭނެ ގޮތަށް ވަނީ ފަރުމާ ކޮށްފައެވެ. މީގެތެރޭގައި އީފާސް ބޭނުންކޮށްގެން ލޮގިން ކޮށްފައިވާ ޕޯޓަލްތަކާއި، އެޕޯޓަލްތަކާ ހިއްސާކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނެއެވެ. އަދި އެމީހެއްގެ އީފާސް ބޭނުންކޮށްގެން ކުރާ ކޮންމެ ކަމެއްގެ މައުލޫމާތު މި ވެބް އެޕް މެދުވެރިކޮށް ބެލޭނެއެވެ.
އީފާހަކީ ސަރުކާރާއި ދައުލަތުގެ އޮންލައިން 61 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 460ށްވުރެ ގިނަ ޚިދުމަތް ލިބިގަތުމަށް، 137،000ށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ، ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. 2022ގައި 5.1 މިލިއަން ފަހަރު އެކިއެކި ޚިދުމަތްތައް ހޯދުމަށް މި ނިޒާމް ވަނީ ބޭނުންކޮށްފައެވެ. އީފާހަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.
އީފާސް ވެރިފައިކުރުމަށް ބޭނުންވާ ފަރާތްތަކުން efaas.egov.mv އަށް ލޮގިން ކޮށްގެން ވެރިފައި ކުރެވޭނެއެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެން.ސީ.އައި.ޓީގެ ހެލްޕް ޑެސްކް 3345050ށް ރަސްމީ ގަޑީގައި ގުޅުވުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.