ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 11:02
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނަވާސް
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނަވާސް
ރޮއިޓާރސް
ޕީއެސްޖީ
ލޯނު އެއްބަސްވުމެއްގެ ދަށުން ނަވާސް ނޮޓިިންހަމް ފޮރެސްޓަށް
ސީޒަން ނިމުމާއެކު ނަވާސް އެނބުރި ޕީއެސްޖީ އަށް އަންނާނެ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ކޮސްޓަރިކާގެ ގޯލް ކީޕަރު ކޭލޯ ނަވާސް ލޯނު އެއްބަސްވުމެއްގެ ދަށުން ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެއްޖެ އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ފޮރެސްޓަށް ބަދަލުވީ ލޯނު އެއްބަސްވުމުގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ. ސީޒަން ނިމުމާއެކު ނަވާސް އެނބުރި ޕީއެސްޖީ އަށް އަންނާނެ އެވެ. ޕީއެސްޖީން ފޮރެސްޓާއެކު ހެދި އެއްބަސްވުމުގައި ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭ މާއްދާ ނުހިމަނާން ނިންމައިފަ އެވެ. ފޮރެސްޓުން ނަވާސް ހޯދުމަށް އެދުމުން އޭނާ ވަނީ އެކަމަށް އެއްބަސްވެފަ އެވެ. މިހާރު ނަވާސް ވަނީ ފޮރެސްޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ރެއާލް މެޑްރިޑު ދޫކޮށް ނަވާސް ޕީއެސްޖީ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ޕީއެސްޖީ އަށް ބަދަލުވެ ނަވާސް ވަނީ މިހާތަނަށް 107 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ނަމަވެސް ޕީއެސްޖީން އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުންމާ ހޯދުމާއެކު ނަވާސް އަށް ފުރުސަތު ލިބެނީ މެދު މެޗުތަކެއްގަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ނަވާސް އަށް ޕީއެސްޖީގެ ގޯލު ބަލަހައްޓަން ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ. ނަވާސް ފޮރެސްޓަށް ބަދަލުވީއިރު، އޭނާ ހޯދުމުގެ މަސައްކަތް ސައުދީ އަރަބިޔާގެ އަލް ނަސްރުން ކުރި ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ޕީއެސްޖީއާއެކު ނަވާސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ޕީއެސްޖީގައި ނަވާސް އަށް މުސާރައިގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

- ކޮމެންޓް