ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 21:21
އެސީސީއާއި ޕީސީބީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
އެސީސީއާއި ޕީސީބީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
އޭސީސީ
އޭސީސީ
ކޮރަޕްޝަން ހިނގިޔަ ނުދިމަށް މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާ ޕީސީބީން ފަހުމުނާމާ އެއްގައި ސޮއިކޮށްފި
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީގައި ވަނީ ރަޖިސްޓްރީކޮށްފައި

ކޮރަޕްޝަން ހިނގިޔަ ނުދިމަށް ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، އެ މަގުސަދު ހާސިލް ކުރުމަށް މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެ ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެބޯޑުގެ ރައީސް އާސިމް މުޙައްމަދުއެވެ.

މިފަހުމުނާމާގެ ދަށުން އޭސީސީއާ ޕީސީބީއަށް ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތަށް ކަނޑައެޅުމަށާއި، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށައެޅޭ މައްސަލަތަކުގެ ތަޙުޤީގުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުމުގައި މި ފަހުމުނާމާގެ ދަށުން އެހީތެރިވެދީ އެފަދަ މަޢުލޫމާތުތަކަށް ފަސޭހައިން ވާސިލްވުމަށްޓަކައި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތްކަނޑައަޅާނެއެވެ. އަދި އޭސީސީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައަޅާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީގަ ރަޖިސްޓްރީކުރެވިފައިވާކަމަށެވެ. އަދި ތަހުގީގުތަކަށްފަހު، 158 އެންގުމެއް އިސްލާހުކުރުމަށް ކުންފުނިތަކަށް ލަފާ ދީފައިވާކަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ފަހުމުނާމާގެ ސަބަބުން އޭސީސީގެ ތަޙުޤީޤުތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހި، ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށާ، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހިއްޞާކުރުމަށް ދެ މުއައްސަސާއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މެންބަރު ޠާހާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޕީސީބީގެ ރައީސް އާސިމް މުޙައްދު ވަނީ ދެ މުއައްސަސާގެ މެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ނުހަނު މުހިއްމުކަމެއްކަން ފާހަގަކުރައްވައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމުގެ މަރުހަލާ ވީހާވެސް އަވަހަށް ފަށަންޖެހޭކަމުގައި ވިދާޅުވެފައެވެ.

- ކޮމެންޓް