އެސްއެސްނެޓްގެ ކޭބަލް ޓީވީ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓިން ލައިސަންސް ލިބިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ލައިސަންސެކެވެ.
އެސްއެސްނެޓްގެ ހިދުމަތާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެސްއެސްނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ ދިރާގުގެ ޒަމާނީ އައިޕީޓީވީ/އޯޓީޓީ ނެޓްވޯކާއި ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.
އާސިފް ވިދާޅުވީ ނެޓްގެ ހިދުމަތް ރަސްމީކޮށް ފެށޭނީ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ހޯމަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން ހިދުމަތް ލިބެމުންދާނެ ކަމަށާއި، 108 ޗެނަލް މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޗެނަލްތައް އިތުރުކުރަމުންދާނެ ކަމަށެވެ.
އާސިފް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ދިރާގު ޓީވީ ބޭނުންކުރަމުން އައި ކަސްޓަމަރުން އޮންބޯޑް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ކާމިޔާބުކޮށް ދާ ކަމަށާއި، ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުން ކަހަލަ ގޮތަކަށް ގުޅިއްޖެ ކަމަށެވެ.
އާސިފް ވިދާޅުވީ ދިރާގު ޓީވީ ބޭނުންކުރަމުންދިޔަ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް އެސްއެސްނެޓަށް ބަދަލުނުވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބަދަލުވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ދިރާގު ކަސްޓަމަރުންގެ ތެރެއިން ދިރާގު ޖޯއި ބޮކްސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އެ ޖޯއި ބޮކްސް ބޭނުންކޮށްގެން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެސްއެސް ނެޓުން ޖޯއިބޮކްސް ދޫކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ގުޅެން ބޭނުންވާ ގިނަ ކަސްޓަމަރުން އެބަތިބި ކަމަށާއި، ފެބްރުއަރީ ފުރަތަމަ ހަފްތާ ތެރޭގައި އައު ކަސްޓަމަރުން ނަގަން ފަށާނެ ކަމަށެވެ. އަދި މި ހިދުމަތަކީ މުޅި ރާއްޖެއަށް ދެވޭނެ ހިދުމަތެއް ކަމަށާއި، ހިދުމަތް ދިނުމާއި ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތެއް ނޯންނާނެ ކަަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، ކުރިއަށް ނުގެންދެވޭނެތީ، ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުން ނިންމާ، އާދީއްތަ ދުވަހުގެ ދަންވަރުން ފަށައިގެން ހިދުމަތް ވަނީ އެއްކޮށް ހުއްޓާލާފައެވެ.
މިކަމާގުޅޭގޮތުން ދިރާގުން ބުނީ، ދިރާގުޓީވީ ޚިދުމަތުގެ ލައިސަންސްގެ މުއްދަތު 29 ޖަނަވަރީ 2023ގައި ހަމަވާތީ، ލައިސަންސް އައުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށަހެޅި ކަމަށެވެ. އަދި ޖަނަވަރީ 2022ގައި އެމްބީސީން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2022/R-01)އަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް އެމްބީސީން ވަނީ ނިންމާފައިކަމަށް ދިރާގުން ބުނެއެވެ.
ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް 100ށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.