ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 07:06
ޑރ. އަނާރާ ލިޔުއްވި ފޮތް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތު
ޑރ. އަނާރާ ލިޔުއްވި ފޮތް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތު
ސަން އޮންލައިން
ޑރ. އަނާރާ ނަޢީމް
ކަންބޮޑުވެ ފިކުރުބޮޑުވާ މީހުންނަށް ހާއްސަ ފޮތެއް ނެރެފި
މި ފޮތަކީ ވިސްނާ، ކަންބޮޑުވެ، ފިކުރު ބޮޑުވާ މީހުންނަށް ޚާއްސަކޮށް ޢިލްމީ އަދި ދީނީ ނަޒަރިއްޔާތުން ކަންކަން ކުރާނެ ގޮތް ބަޔާންކޮށް ލިޔެފައިވާ ފޮތެއް

ކަންކަމާ ވިސްނާ، ކަންބޮޑުވެ، ފިކުރު ބޮޑުވާ މީހުންނަށް ޚާއްސަކޮށް ޢިލްމީ އަދި ދީނީ ނަޒަރިއްޔާތުން ކަންކަން ކުރާނެ ގޮތް ބަޔާންކޮށް، "ފިކުރު ބޮޑުވުމާއި އެކަމުގެ ޙައްލު"ގެ ނަމުގައި ޑރ.އަނާރާ ނަޢީމް ފޮތެއް ނެރުއްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ޤައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒްއެވެ.

ފޮތް ނެރުއްވުމަށްފަހު ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ ފިކުރުބޮޑުވުން ނުވަތަ އޯވަރ ތިންކިންގ އަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރާ ކަމެއް ކަމަށާއި އެކަން އޭނާއަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ތެރޭގައި 2020 ވަނަ އަހަރު ކަމަށެވެ. އެ ދުވަސްވަރު ވަރަށް ގިނަ ބަޔަކު ދީނީ ގޮތުން އެފަދަ ޚިޔާލުތަކާދުރުވެ، ވިސްނުން ރަނގަޅުކޮށް، ރަނގަޅަށް މުއާމަލާތް ކުރާނެ ގޮތްތައް ބެލުމަށް ގުޅި ކަމަށާއި ފޮތް ލިޔުއްވުމުގެ ޚިޔާލު އައީ އޭގެ ސަބަބުން ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވި ގޮތުގައި މި ފޮތުގައި ހިތްވަރު ލިބިގަންނާނެ ވާހަކަތައް ދިރާސާތަކުގެ އަލީގައި ލިޔެފައިވާނެ ކަމަށެވެ. އަދި އަމިއްލައަށް މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބުނެދިނުމަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފޮތް ލިޔުނު އިރު ވަރަށް ބޮޑަށް ބެލިން އަމިއްލައަށް މައްސަލަތައް ހައްލު ކުރާނެ ގޮތްތަކަކީ ކޮބައިތޯ. އެކަންކަން ވީހާވެސް ބޮޑަކަށް ފޮތް ކިޔުންތެރިންނަށް ބުނެދިނުމަށް މަސއްކަތް ކޮށްފައިވާނެ. އަދި އިސްލާމީ ޝަރީއަތުގެ އަލީގައި ހިތްވަރު ދިނުމަށްޓަކައި މިފޮތުގައި ވަރަށް ގިނަ ވާހަކަތައް ގެނެސްދީފައިވާނެ.
ޑރ. އަނާރާ ނަޢީމް

ޑ.އަނާރާ ވިދާޅުވީ މި ފޮތް ލިޔުމުގައި ނަފްސާނީ ދުޅާހެޔޮކަމާއިގުޅޭ މާހިރުންނާއި، ޑޮކްޓަރުންނާއި އަދި ދީނީ ގޮތުން ކަން އޮންނަ ގޮތް ބެލުމަށް މުހިންމު ދިރާސާތަކެއް ކޮށްފައިވާކަމަށެވެ. އަދި ގިނަ ބައެއްގެ ފަރާތުން އެ މަސައްކަތަށް އެއްބާރުލުން ލިބިގެންދިޔަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޮތުގެ ކޮޕީ ޤައުމީ ކުތުބުޚާނާއާއި، އެހެނިހެން ލައިބްރަރީތަކާއި ފޮތް ވިއްކާ ފިހާރަތަކުން ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް