ފްރާންސް ލީގުގައި ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެއްވަރުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ކުޅެފަ އެވެ. ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުގައި މެސީ ކުޅެފައެއް ނުވެ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕީއެސްޖީންނެވެ. މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމަށް ކުރި ހޯދައިދިނީ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ އެވެ. މެޗުގައި ޕީއެސްޖީ އަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ އެ ޓީމުގެ މާކޯ ވެރާޓީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުގައި ވެރާޓީ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރުޔެއްގެ ގޮތުގަ އެވެ. މެޗުން ޕީއެސްޖީ މޮޅުވާން ދަނިކޮށް ރެއިމްސްގެ ފޮލަރިން ބަލޮގަން ވަނީ ލަނޑު ޖަހައި މެޗުން އެ ޓީމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.
މެޗު އެއްވަރުވި ނަމަވެސް ޕީއެސްޖީ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކުންނެވެ. ކުޅުނު 20 މެޗުން ޕީއެސްޖީ އަށް ލިބެނީ 48 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ލެންސް އަށް ލިބެނީ 45 ޕޮއިންޓެވެ.