ތާޖުއްދީން ސްކޫލާއި، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ހުޅުމާލެ ޣާޒީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެކަމަށްޓަކައި ޣާޒީ ސްކޫލްގައި މި މަހު 26 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ހެޑް އޮފް ރޯޑް ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ތާޖުއްދީން ސްކޫލް، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ޣާޒީ ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ކުއްޖަކުވެސް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އަހުލާގު މުހިންމު ރޯލެއް ކުޅޭ ކަމުގައި ވިދާޅުވިއެވެ. އަދި ނިމިގެން މިދިޔައީ ކޮންމެ ކުއްޖެއްގެ މުސްތަގުބަލަށްޓަކައިވެސް ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންސާނީ މުޖުތަމައެއް ކުރިއަރައި ކާމިޔާބުވެދިއުމަށްޓަކައި މުޖުތަމައަކަށް އެންމެ ބޭނުންވާ އެއްޗަކީ އަމާންކަމާއި ރައްކާތެރިކަން ކަމަށް ވިދާޅުވިއެވެ. އަދި ކުރު މުއްދަތަކަށް ހިންގި މިފަދަ ތަމްރީނެއްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ވިދާޅުވިއެވެ.
ޖަނަވަރީ 21 އިން 25 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ސްކޫލްތަކުގައި ވަކިވަކިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް، ތާޖުއްދީން ސްކޫލުގެ 36 ދަރިވަރުން، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގެ 34 ދަރިވަރުން އަދި ހުޅުމާލެ ޣާޒީ ސްކޫލުގެ 34 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.
ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.