ކ. މާލެ
|
30 ޖޫން 2017 | ހުކުރު 19:07
އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް
އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް
ގޫގުލް
އެލެކްސަސް ސަންޗޭޒް
ކޮންފެޑެރޭޝަންސް ކަޕަށްފަހު ކުރިމަގާމެދު ގޮތެއް ނިންމާނަން: ސަންޗޭޒް
ކުރިމަގު ވަރަށް ސާފް، އެހެންނަމަވެސް ކްލަބްގައި މަޑުކުރަންވެސް ބަދަލުވުމަށްވެސް ނުނިންމަން
ބަޔާން މިއުނިކުން ވަނީ ސަންޗޭޒް ހޯދުމަށް 100 މިލިއަން ޔޫރޯ ހުށަހަޅާފައިކަމަށް ރިޕޯޓްތައް ބުނޭ

ކޮންފެރޭޝަންސް ކަޕަށްފަހު ކުރިމަގާމެދު ގޮތެއް ނިންމާނެކަމަށް އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސަސް ސަންޗޭޒް ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ސަންޗޭޒް ބުނީ މިވަގުތު އޭނާގެ ހުރިހާވެސް ފޯކަސްއެއް ހުރީ ކޮންފެޑެރޭޝަންސް ކަޕަށް ކަމަށާއި، އެގޮތުން މުބާރާތަށްފަހު ކުރިމަގާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ސަންޗޭޒް ބުނީ އޭނާ އާސެނަލްގައި މަޑުކުރުމަށްވެސް އަދި ކްލަބް ދޫކޮށްލަންވެސް ނުނިންމާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ކުރިމަގު ވަރަށް ސާފުކަމަށާއި، އެކަމަށް މިވަގުތު ފޯކަސްކުރަން ބޭނުންނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބަޔާން މިއުނިކުން އަންނަނީ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެޓީމުން އޭނާ އަށް 100 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ބަޔާންގެ ރައީސް އުލީ ހޮއެނެސް ވިދާޅުވީ، އެ ކްލަބަށް 100 މިލިއަން ޔޫރޯ އަށް އުމުރުން 29 އަދި 30 އަހަރުގެ ކުޅުންތެރިން ބޭނުންވާ ކަމަށާއި، ކްލަބަށް ބޭނުންވަނީ 20 އަހަރާއި 22 އަހަރާ ދެމެދުގެ ކުޅުންތެރިން ކަމަށެވެ.

ބަޔާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީވެސް ހިމެނެ އެވެ.

ސަންޗޭޒް ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ދާދި ފަހުން ބުނީ ސަންޗޭޒް އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އޭނާ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު ދެ އެފްއޭކަޕްގެ އިތުރުން ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ޗިލީ ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެގައުމުގެ ސީނިއާ ޓީމާއެކު ކޮޕާ އެމެރިކާ ދެފަހަރު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް