މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކަރަންޓުން މަހްރޫމްވެފައިވާ ރ އަލިފުއްޓަށް ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފުއްޓަށް ގެނައި 600 ކިލޯވޮޓުގެ ޖަނަރޭޓަރު ގެނެސްފައި މިވަނީ ހުޅުމާލެއިންނެވެ. މިއަދު މެންދުރު 2 ޖެހިއިރު ގެނައި ޖަނަރޭތު އެރަށު އިންޖީނުގެއާ ހަމަައަށް ގެނެވުނީ މިރޭ އިރުއޮއްސި 7 ވެސް ޖެހިފަހުންނެވެ.
ރަށުގެ ރައްޔިތުން ވެގެން ޖަނަރޭޓަރު ފެނަކަ އިންޖީނުގެއާ ހަމައަށް ގެނެސްފައިވަނީ ދަގަނޑު ހޮޅިތަކެއް އަތުރާ އޭގެ މަތީގައި ފިލާ އަތުރައިގެން ދަމާފައެވެ. ޖަނަރޭޓަރ އިންޖީނުގެއަށް ވައްދާ އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މިރޭގެ 9 ޖަހާއިރު ކަމަށެވެ.
ޖަނަރޭޓަރ އިންސްޓޯލްކޮށް ކަރަންޓް ދެވޭވަރުވާނެ ވަކި ވަގުތެއް އަދި ނޭގޭ ކަމަށާއި ނަމަވެސް ރަށަށް ގެނައީ 600 ކިލޯވޮޓްގެ ޖަނަރޭޓަރ އެއް ކަމުން އެރަށުން ހަލާކުވެފައިވާ600 ކިލޯވޮޓްގެ ޖަނަރޭޓަރު ހުރި ތަނުގައި ބަހައްޓައިގެން މަސައްކަތް ކުރަން ފަސޭހަ ވާނެތީ ކަރަންޓް ދިނުން އަވަސްވެގެންދާނެ ކަމަށެވެ.
އަލިފުށީގައި ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ އެރަށުގައި ކަރަންޓް ދެމުންދިޔަ 600 ކިލޯވޮޓްގެ ޖަނަރެޓަރގެ ރޭޑިއޭޓަރ ހަލާކުވުމުގެ ސަބަބުންނެވެ. އަދި އެރޭޑިއޭޓަރ ބޭރުން ލޯޑް ކުރެވޭނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ޖުލައިމަހު ކުރީކޮޅު ކަމަށެވެ. އެކަމާހުރެ އެހެންރަށެއްގައި ހުރި 200 ކިލޯވޮޓްގެ ޖަނަރޭޓަރަކާ ރަށުގައި ކުރިންހުރި 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ސިންކު ކޮށްގެން ރަށަށް ކަރަންތް ދެވޭތޯ ކުރި މަސައްކަތްވެސް ވަނީ ކާމިޔާބު ނުވެފައެވެ.