އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އާސެނަލް ބަލި ކުރެވުމަކީ މި ސީޒަންގެ ޕްރިމިއާ ލީގު ރޭހާ ގުޅުން ހުރި ކަމެއް ނޫން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އާސެނަލް ބަލިކޮށް އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން ސިޓީ ޖާގަ ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެ މެޗަކީ ވަރަށް އުނދަގޫ މެޗަކަށްވި ކަމަށެވެ. ޚާއްސަކޮށް އިދިކޮޅުގައި ކުޅެން އޮތް ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، މެޗުގައި ސިޓީން ޖެހި ލަނޑަށްފަހު ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި އާލިން ހާލަންޑުގެ ބޭނުން ވަރަށް ބޮޑަށް ކުރަން ޖެހުނު ކަމަށާއި، އެއީ އެކަން ކުރަން ޖެހޭ ވެސް ގޮތް ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުން ލިބުނީ މުހިންމު މޮޅެއް ކަމަށާއި، ދެން އޮތީ ކުރިއަށް އޮތް ބުރުގައި ކުރަން ޖެހޭ ކަންތައް ކަމަށެވެ. ގާޑިއޯލާ ބުނީ ދެން އާސެނަލާ ދެކޮޅަށް ކުޅެން ޖެހޭނީ ޕްރިމިއާ ލީގުގައި ކަމަށާއި، މި މެޗުގެ ނަތީޖާ އާއި ކުރިއަށް އޮތް މެޗާ ގުޅުމެއް އޮތް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ތަފާތު ކަންކަން ފެންނާނެ އެވެ. ޚާއްސަކޮށް އާސެނަލުން އެ މެޗުގައި ތަފާތު ކަންތައްތަކެއް ކުރާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ ލީގުގައި އާސެނަލުން މި ސީޒަންގައި ދައްކަނީ މޮޅު ކުޅުމެއް ކަމަށާއި، މިހާތަނަށް އައިއިރު އެ ޓީމަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ.
ލީގު ތާވަލްގައި އާސެނަލް އޮތީ ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެގެން ފަސް ޕޮއިންޓުގެ ލީޑަކާއެކު އެވެ. ކުޅުނު 19 މެޗުން އެ ޓީމަށް ލިބެނީ 50 ޕޮއިންޓެވެ. ސިޓީ އަށް 20 މެޗުން ލިބެނީ 45 ޕޮއިންޓެވެ. ލީގުގައި އަންނަ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހު އާސެނަލްގެ ދަނޑުގައި ސިޓީއާ ދެކޮޅަށް އެ ޓީމު ކުޅޭނެ އެވެ.