ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 14:54
އެމްޑީޕީ އިން އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިހް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ އިން އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިހް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުން
ރައީސް ދެއްވީ މަހުގެ ޑިއުޓީ ކަނޑާލާނެކަމުގެ ޔަގީންކަން
މަސްވެރިކަމުގެ ސިނާއަތް ކުރީ ސަރުކާރުތަކުން ތަރައްގީ ނުކުރާ ވަރަށް މި ސަރުކާރުން އެ ސިނާއަތް ތަރައްގީކުރެވިއްޖެ
ޑިއުޓީ ކަނޑާލުމާއެކު މަހުގެ އަގަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާނަން
މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް، ރައްކާކުރުވެނެ ކެޕޭސިޓީ 4 ގުނައަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދޭ

ރާއްޖެއިން ބޭރުކުރާ މަހުން، ޔޫރަޕާއި އިނގިރޭސީ ވިލާތުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ އެ ޓެކްސް ކަނޑާލިކަމުގެ އިއުލާން މަސްވެރިންނަށް ލިބިގެންދާނެކަން ޔަޤީންކަމާއެކު ވިދާޅުވާކަމަށެވެ. އެއިރުން މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަހުގެ އަގަށް ބަދަލު ގެނެވޭނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގެއް ލިބިގެން. ރާއްޖެއިން މަސް އެކްސްޕޯޓްކުރާ 2 މާކެޓަކީ ޔޫރަޕާއި އިނގިރޭސީ ވިލާތް. 24 އިންސައްތައިގެ ޑިއުޓީއެއް މި ދެތަނުންވެސް އެބަނަގާ. އެހެންކަމުން އަޅުގަނޑުމެންނާއި ވާދަވެރި އިންޑިއާ ކަނޑުގެ ގައުމުތަކުން ޓެކްސް ނުނަގާތީ އެމީހުންނަށް އިތުރު ފަސޭހައެއް ވެގެންދޭ މަސް ވިއްކަން.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރީ ސަރުކާރުތަކުން ތަރައްގީ ނުކުރާ ވަރަށް މި ސަރުކާރުން އެ ސިނާއަތް ތަރައްގީކޮށްފައިވާ ކަމަށެވެ. އެގޮތުން، މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް، ރައްކާކުރުވެނެ ކެޕޭސިޓީ 4 ގުނައަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރީ ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެންނެވި ކަމަށެވެ. އަދި ހުޅުމީދޫގެ މަސް ފެކްޓްރީގައި މިހާރު ހުރި ސްޓޯރޭޖް ކެޕޭސިޓީ ވަރަށް ފަސޭހައިން ޑަބަލް ކުރެވޭނެ ޖާގަ އެބަހުރި ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ކުރައްވާނެ ކަމަށެވެ.

- ކޮމެންޓް