ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 11:49
އެމްއެފްޑީއޭ
އެމްއެފްޑީއޭ
ސީ.އެން.އެން
އެމްއެފްޑީއޭ
ހުއްދަ ނުހޯދައި ތުއްތު ކުދިންގެ ތައްޔާރީ ކާނާ ސޯޝަލް މީޑިއާގައި ވިއްކާތީ އެމްއެފްޑީއޭގެ އިންޒާރެއް!
ރަޖިސްޓްރީނުކުރާ ފަރާތްތަކަށް މާދަމާގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ހުއްދަ ނުހޯދައި ތުއްތު ކުދިންގެ ތައްޔާރީ ކާނާ ސޯޝަލް މީޑިއާގައި ވިއްކާ ފަރާތްތައް ރަޖިސްޓްރީވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެ އޮތޯރިޓީ އިން ހުކުރު ދުުވަހު ނެރުނު އިއުލާނެއްގައި ބުނީ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖޭއަށް އެތެރެ ކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ތިން އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކިރުގެ ބާވާތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ވިއްކަންވާނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ރަޖިސްޓްރީކުރަން ޖެހޭ ކާބޯތަކެތި ރަޖިސްޓްރީނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް އެފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި މިންގަނޑުތައް ނުހިފެހެއްޓޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ތައްޔާރު ކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލިގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ސަބަބުތަކާހުރެ އެފަދަ އުފެއްދުންތައް ރަޖިސްޓްރީނުކޮށް ސޯޝަލް މީޑިއާގައި ވިއްކަމުން އަންނަ ފަރާތްތަކުން ހޮނިހިރު ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފައެވެ. އަދި ރަޖިސްޓްރީނުކޮށް ވިއްކާނަމަ އެ ފަރާތެއްގެ ނަން ހާމަކޮށް އާއްމުކޮށް އިއުލާން ކުރާނެ ކަމުގެ އިންޒާރު ވެސް އެމްއެފްޑީއޭއިން ވަނީ ދީފައެވެ.

- ކޮމެންޓް