ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 07:15
ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޓްވީޓަރ
އެމްޑީޕީ ޕްރައިމަރީ ކެމްޕޭން
ޕްރައިމަރީ ކާމިޔާބު ކުރާނީ އެމްޑީޕީގެ މެންބަރުންނަށް އެމްޑީޕީ އަލުން އަނބުރާ ހޯދައިދިނުމަށް: ރައީސް ނަޝީދު
ކާމިޔާބީގެ އައްސޭރީގައި ސާބިތުކަމާއެކު ތިބޭނެ ދުވަސް ފެނިގެންދާނެ

ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ މެންބަރުންނަށް ޕާޓީ އަލުން އަނބުރާ ހޯއްދަވައިދެއްވުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި ޕާޓީގެ ފިކުރާއި ދުރުވެ، މުޅިން ބީރައްޓެހި ކަންތައްތަކެއް ސަރުކާރުން ކުރަމުންދާތީ އެމްޑީޕީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މި އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ މެންބަރުންނަށް އެމްޑީޕީ އަނބުރާ ހޯދައިދިނުމަށް ކަމަށާއި ކާމިޔާބީގެ އައްސޭރީގައި ސާބިތުކަމާއެކު ތިބޭނެ ދުވަސް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަސައްކަތް އަބަދުވެސް ފައްޓަވަނީ ނެތުމުގެ ތެރެއިންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ވާދަވެރިން ހިސާބު ޖެހީ މި އިންތިޚާބު ކަމިޔާބު ނުކުރާނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޕްރައިމަރީގައި މަކަރު ނުހެދޭނެ ކަމަށާއި ވޯޓެއް ވެސް ނުގަނެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބުކުރައްވާ، އެމްޑީޕީގެ ދެވަނަ ވެރިކަމެއް ހޯއްދަވާ ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާގައި ނަޝީދު ފެނުނީ އާއްމުކޮށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ގޮތާ ތަފާތުކޮށް، ބައިވެރިންނާ އެކު ވައުދުތައް ތަކުރާރު ކުރެއްވި ތަނެވެ. ޖީއެސްޓީ ކުޑަކުރުމަށާއި ސްޓޫޑެންޓް ލޯނާއި ގައުމުގެ ދަރަނި ރީސްޓްރަކްޗާކޮށް ފަރުދުންގެ އާމްދަނީ ދެގުނަކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި އިރު ވެސް ޖަލްސާ އޮތް އާޓިފިޝަލް ބީޗުގައި އެމަނިކުފާނުގެ ކެމްޕޭން ލަވަ ވެސް ހުރީ ޖަހައިފައެވެ. އަދި ނަޝީދު ވަނީ އެތަނުގައި ތިބި ސަޕޯޓަރުންނާއެކު އަތްތިލަބަޑި ޖައްސަވަމުން ގެންދަވާފައެވެ.

- ކޮމެންޓް