ބޭނުންވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑު އެ ކުލަބުގައި މަޑުކުރަން ކަމަށް އެރިކް ޓެން ހާގް ބުނެފި އެވެ.
ޓެން ހާގް މިހެން ބުނީ ރަޝްފޯޑުގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޔުނައިޓެޑުގެ އެއްބަސްވުން އެންމެ ފަހުން ރަޝްފޯޑު އައުކޮށްފައި ވަނީ، 2019 ވަނަ އަހަރު އެވެ. އެފަހަރު އޭނާ އެއްބަސްވުން އައުކުރީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާތަނަށް ރަޝްފޯޑުގެ ކުރިމަގާ ގުޅޭ ގޮތުން އޭނާ ވަކި އެއްޗެއް ބުނެފައިނުވާއިރު، ޔުނައިޓެޑުން އަންނަނީ ރަޝްފޯޑު އެ ކުލަބުގައި ބަހައްޓަން މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަން ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ވެސް ވަނީ ފާހަގަކޮށްފަ އެވެ. ޓެން ހާގް ބުނީ ރަޝްފޯޑާއެކު ކުރެވެމުންދާ މަޝްވަރާތަކަކީ ސިއްރު މަޝްވަރާތަކެއް ކަމަށެވެ. އޭނާ ބުނީ އެ މައުލޫމާތު މިހާރު ހާމަނުކުރެވޭނެ ކަމަށާއި، ނަމަވެސް އެކަމުގެ އެންމެ ފަހުގެ މައުލޫމާތު އިނގޭނެ ކަމަށެވެ. އިތުރަށް ޓެން ހާގް ބުނީ ރަޝްފޯޑަށް ވެސް އޭނާ ކުޅެން އެންމެ އެކަށީގެންވާ ކުލަބަކީ ޔުނައިޓެޑުކަން އިނގޭނެ ކަމަށެވެ.
އެކަން ހާމަކުރެވޭކަށް ނެތް. އެއީ ސިއްރުކަމެއް. ނަމަވެސް އަހަރެން ޤަބޫލު ކުރާ ގޮތުގައި ރަޝްފޯޑަށް އިނގޭނެ އޭނާ އަށް އެންމެ އެކަށީގެންވާ ކުލަބަކީ ޔުނައިޓެޑުކަން.އެރިކް ޓެން ހާގް / މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު
މީގެ އިތުރުން ޓެން ހާގް ބުނީ، ޔުނައިޓެޑުގައި ރަޝްފޯޑު އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި، ޓީމުގައި ރަޝްފޯޑު ހުންނަން ބޭނުންވާ ކަމަށެވެ. ރަޝްފޯޑު އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް 2015 ވަނަ އަހަރު ޔުނައިޓެޑުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ކުލަަބަށް ކުޅެދިން 322 މެޗުގައި 111 ލަނޑު ޖަހައިފަ އެވެ. ރަޝްފޯޑު ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، ކަރަބޯ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްފަ އެވެ. ރަޝްފޯޑު އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 51 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ.