ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 12:08
ހުޅުމާލެއިން ބިން ދޫކުރާ ސަރަހައްދު ސާފުކުރުން
ހުޅުމާލެއިން ބިން ދޫކުރާ ސަރަހައްދު ސާފުކުރުން
ރާއްޖެއެމްވީ
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް: ހުޅުމާލެއިން ދޫކުރާ ބިންތައް ސާފުކުރަން ފަށައިފި
ހުޅުމާލެއިން 1،000 ގޯތި ދޫކުރަން ވަނީ ނިންމާފައި
ފޯމުތައް އިވެލުއޭޓުކޮށް މާޗް މަހު ލިސްޓު އާންމުކުރާނެ

ހުޅުމާލެއިން ބިން ދޫކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، މީގެ ތެރެއިން 1،000 ގޯތި ހުޅުމާލެއިން ދޫކުރުމަށް ވަނީ ނިންމާފައެވެ. ބުރާސްފަތި ދުވަހު އެޗްޑީސީން ވަނީ ހުޅުމާލެއިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރާ ސަރަހައްދު މީޑިއާތަކަށް ދައްކާލާފައެވެ. އަދި މިހާރު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެތަނުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ ބިން ލިބޭ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓުކޮށް ނިމެންވާއިރަށް އިން ވަކިކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށެވެ. މިގޮތުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ކުޑަ ސައިޒަކަށްވެސް 1250 އަކަފޫޓު ހިމެނިގެންދާނެ. މި ބިންތަކުގައިވެސް އިން ކެނޑިގެންދާއިރު އެއަށްވުރެ ކުޑަ ނުވާނެ ގޮތަށް ކެނޑިގެންދާނީ.
އާތިފް

މީގެ އިތުރުން ހައުސިން މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ހުޅުމާލެއިން ބިން ދޫކުރުމަށް 1،250،000 (އެއްމިލިއަން ދެލައްކަ ފަންސާސްހާސް) އަކަފޫޓުގެ ބިން ލިބިފައިވާކަމަށެވެ. މިއީ 62 ސަރަހައްދަކުން ލިބިފައިވާ ބިންތަކެއް ކަމަށާއި، ބިން ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވެންވާއިރަށް މި ސަރަހައްދުތައް ސާފުކޮށް ނިންމައި، ކަޑަޖަހައި، ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް އާރިމް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މަޗް މަހަށް ނިންމައި، ލިސްޓު އާންމުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

- ކޮމެންޓް