ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ މުލަކުއަތޮޅު ބޯހުރާ ބީލަމަށް ހުޅުވާލާފައިވަނީ އެރަށް ހިއްކުމަށް ހުއްދަ ދޭ ގޮތަކަށް ނޫން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓު ތަރައްގީކުރުމަށް 14 ރަށެއް ބީލަމަށް ހުޅުވާލާފައެވެ.
މި ރަށްތަކުގެ ތެރޭގައި ބޯހުރާ ހިމެނޭއިރު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށް ހިއްކުމުގެ ހުއްދަ ލިބިގެންނުދާނެ ކަމަށެވެ. އަދި ރަށަށް އަރައި ފޭބުމުގެ އިންތިޒާމުވެސް ހަމަޖައްސާނީ ރިސޯޓު ތަރައްގީކުރާ ފަރާތާއި، މ. މުލީ ކައުންްސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނީ ބޯހުރާ ކައިރީގައިވާ މަޝްހޫރު ސަރފް ޕޮއިންޓްކަމަށްވާ "މަޝްރޫމްސް" އަދި "އެފްވަން" އެރަށުގެ ބައުންޑްރީގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އަދި ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާރފް ޕޮއިންޓް ވަކިކުރުމަށް ފަހުގައި ކަމަށެވެ.
މިފަދަ ސާރފް ޕޮއިންޓްތައް އާއްމުންނާއި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ސައިޓް މެނޭޖްމެންޓް ޕްލޭންއެއް ތައްޔާރުކުރުމަށް މިނިސްޓްރީއިން ކަމާއި ގުޅުންހުރި ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރަމުންދާކަން ވެސް މިނިސްޓްރީން ބުނެއެވެ.
މިގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ރިޒޯޓުގެ ފަޅުގައި، ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާރފިންގ ސަރަހައްދުތަކާއި މިނޫންވެސް ޓޫރިސްޓް އެޓްރެކްޝަންސް ގޮތުގައި މިނިސްޓްރީއިން ކަނޑައަޅާފާއިވާ ސަރަހައްދުތައް ހިމެނޭނަމަ، އެ ރިޒޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަހައްދުތައް މިނިސްޓްރީއިން އާންމުކޮށް އިޢުލާނުކުރަންވާނެ ކަމަށް ވެސް ވެއެވެ. އަދި މިފަދަ ސަރަހައްދުތައް ބޭނުންކުރުމާ ބެހޭ އުސޫލެއް މިނިސްޓްރީއިން ކަނޑައެޅުމަށްފަހު އާންމުކޮށް އިޢުލާނުކުރަން ޖެހެއެވެ.