އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އެކުލަވާލާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތައް ފަދަ ކަމެއްގެ ސަބަބުން އެއްވެސް ކުއްޖަކު ތައުލީމުން މަހްރޫމް ނުވާނެހެން ވިސްނަވައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭއީޑީޕީ ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވާފައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވޯލްޑް ބޭންކު ހިމެނޭހެން އެކުލަވާލާފައިވާ މި ޕްރޮޖެކްޓުގެ އަގަކީ 10 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ސެކަންޑްރީ މަރުހަލާގައި ތައުލީމު ހާސިލްކުރާ ކުއްޖަކު އުނގެނުން ދޫކޮށްލުމުގެ ފުރުސަތު އޮތް ކުދިންނަަށް މި ޕްރޮޖެކްޓުގެ ޒަރީއާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ހުރިހާ ދާއިރާއަކަށް ވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި އާޓް ފެސިލިޓީއެއް ޤާއިމްކުރުމަކީ އުނދަނގޫކަމެއްކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދަށް އައުމަކާއި ނުލާ ދަރިވަރުންނަށް އެކަށީގެންވާ ވަސީލަތްތައް ލިބޭކަން ކަށަވަރުކުރަން މަސައްކަތްކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އައިސީޓީ އަދި ސައިންސް ލެބާއި ވޮކޭޝަނަލް އެޑިއުކޭޝަން ލެބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕްރޮޖެކްޓް އިންޓަރވެންޝަންތަކުގެ ދާއިރާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާންމު ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ ކޮލިޓީ އެޝުއަރަންސަށް މިޕްރޮޖެކްޓުން އަހަންމިއްޔަތުކަމެއް ދެއެވެ. މިގޮތުން ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ)ގެ އެކްސްޓަރނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަކީވެސް މިޕްރޮޖެކްޓްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ސާނަވީ ގްރޭޑްތަކުގައި ޕްރޮޖެކްޓްގައި ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި ސްކޫލް ރިވިއު ރިޕޯޓުގައި ފާހަގަކުރާ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ކޮންމެ ސްކޫލަކަށް 'ސްކޫލް ގްރާންޓް' ދިނުމަށްވެސް މަސައްކަތް ކުރެވިގެން ދާނެއެވެ.