ކ. މާލެ
|
30 ޖޫން 2017 | ހުކުރު 15:53
ތައިވާން ސިފައިން އަސްކަރީ ތަމްރީނެއްގައި ހަރަކާތްތެރި ވަނީ
ތައިވާން ސިފައިން އަސްކަރީ ތަމްރީނެއްގައި ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ތައިވާން
އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ
އެމެރިކާއިން ބުނަނީ ހަތިޔާރު ވިއްކަނީ ތައިވާނުގެ އަމިއްލަ ދިފާއަށް ކަމަށް

އެމެރިކާއިން 1.4 ބިލިއަން ޑޮލަރުގެ ހަތިޔާރު ތައިވާނަށް ވިއްކަން ނިންމުމާއެކު އެކަމާ ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ތައިވާނަށް ހަތިޔާރު ވިއްކަން ނިންމުމުގެ އިތުރުން އެމެރިކާއިން ވަނީ ޗައިނާގެ ދެ ބޭންކަކަށްވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިކަންކަމާ ގުޅޭ ގޮތުން އެމެރިކާއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، މިއީ ރައީސް ޓްރަޕްމް އާއި ރައީސް ޝީ ގެ ބައްދަލުވުމުގެ ރޫޙާ ޚިލާފް ފިޔަވަޅުތަކެއް ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު، ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާ ސަރުކާރުން 1.42 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޓައިވާނަށް ވިއްކުމަށް ނިންމިކަން ރަސްމީ ގޮތުން އެމެރިކާގެ ކޮންގްރެސް އަށް ވަނީ އަންގާފައެވެ. އެމެރިކާއިން ބުނަނީ ހަތިޔާރު ވިއްކި ނަމަވެސް "އެއް ޗައިނާ" ސިޔާސަތު އެމެރިކާއިން ދޫ ނުކޮށްލާ ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ މިއީ ތައިވާނުގެ އަމިއްލަ ދިފާއަށް ވިއްކާ ހަތިޔާރު ކަމަށެވެ.

ހަތިޔާރު ވިއްކުން މިއަހަރުގެ މާޗު މަހު އިއުލާން ކުރި ހިސާބުން ޗައިނާއިންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

1950 ގައި ޗައިނާގެ އަހުލީ ހަނގުރާމަ ނިމުނު ފަހުން ތައިވާނުން ގެންދަނީ ޗައިނާއާ ނުބައްސަ އަމިއްލަ އިދާރީ ވެރިކަމެއް ހިންގަމުންނެވެ. ޗައިނާއިން ބުނަމުންދަނީ ތައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ.

ހަތިޔާރު ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމު ނަމަވެސް އެކަން ހިނގާނީ ކޮންގްރެސް އިން ފާސްކޮށްގެންނެވެ.

1979 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ގެންދަނީ އެއް ޗައިނާ ސިޔާސަތައް ތާއީދު ކުރަމުންނެވެ. އޭގެ މާނައަކީ ތައިވާނަކީ ވަކި ގައުމެއްގެ ގޮތުގައި ނުބެލުމާއި ތައިވާނާއެކު ޑިޕްލޮމެޓިކް ފެންވަރުގައި ގުޅުން ގާއިމް ނުކުރުމެވެ. ޗައިނާގެ ނުރުހުމާއެކު ވެސް އެމެރިކާއިން ތައިވާނަށް ހަތިޔާރުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ހަތިޔާރުގެ އެހީތެރިކަން ތައިވާނަށް ދޭން އެމެރިކާއިން ނިންމުމުގެ އިތުރުން ހުސްވި ހަފްތާގެ އަންގާރަ ދުވަހު އެމެރިކާގެ ސެނެޓްގެ ކޮމިޓީއަކުން ވަނީ އެމެރިކާގެ ނޭވީންނަށް ތައިވާނަށް ޒިޔާރަތް ކުރުމަށް ފާސް ކޮށްފައެވެ. މިއީ 1979 ވަނަ އަހަރުގެ ފަހުން އެމެރިކާއިން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. މިކަމާވެސް ޗައިނާއިން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ބުރާސްފަތި ދުވަހު ޗައިނާގެ ދެ ބޭންކަކަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މި ދެ ބޭންކަކީ އުތުރު ކޮރެއާގައި ކަޅު ފައިސާގެ މުއާމަލާތްތައް ހިންގާ ދެ ބޭންކެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގައި އެހީތެރިވާ ކަމަށް ބުނެ ޗައިނާގެ ޝިޕިންގ ކުންފުންޏަކަށާއި، ޗައިނާގެ ދެ ރައްޔިތެއްގެ މައްޗަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް