ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އާއި އޭނާގެ ބޭބެ އިނާން ހުސައިން މަނިކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިނޭންސް ފެސިލިޓީއެއްގެ ދަށުން ނަގާފައިވާ ފައިސާ ނުދެއްކި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ސިވިލް ކޯޓުން ބުނެފައިވާ ގޮތުގައި ނިހާން އާއި އިނާންގެ މައްޗަށް ކޮށްފައިވާ ދައުވާ އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެމްއައިބީން ހޯދުމަށް އެދިފައިވާ ފައިސާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެކުގައި ދައްކާ، ޚަލާސް ކޮށްފައިވާ ކަމަށް ބުނެ، އެމްއައިބީން އެ ދައުވާ އަނބުރާ ގެންދިޔުމަށް އެދިފައިވާތީ ކަމަށެވެ.
އެ މައްސަލައަކީ ޝަރުތުތަކާ އެއްބަސްވެ، 2016 ވަނަ އަހަރު "ޑިިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީގެ ދަށުން ނިހާން އާއި އިނާނަށް ދޫކުރި ހަތަރު މިލިޔަން ރުފިޔާ އެއްބަސްވުމާއި އެއްގޮތަށް ނުދެއްކުމާއި ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
އެކަމާއި ގުޅިގެން އެމްއައިބީ އިން ވަނީ އެ ފެސިލިޓީގެ ފައިސާ އާއި މަހުން މަހަށް އަރަމުންދާ 'މަންތުލީ ރެންޓަލް' ފައިސާއާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނު ކޮށްފައިވާ ޕްލެޓިނަމް ރެޒިޑެންސްގެ އެޕާޓްމަންޓު ވިއްކާލުމުގެ ހުއްދައަށް ކޯޓުގައި އެދިފައެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ފެސިލިޓީގެ ދަށުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ނިހާންއާއި އިނާން ދެއްކުމުން، އެމްއައިބީން ވަނީ މައްސަލަ އަނބުރާ ގެންދަން ކޯޓުގައި އެދިފައެވެ.
"މަދަނީ އިޖުރާއަތުގެ ގާނޫނު"ގެ ދަށުން ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން ދައުވާކުރާ ފަރާތަށް އެހާތަނަށް އެއްވެސް ފައިސާއެއް ލިބިފައިވާނަމަ، ދައުވާލިބޭ ފަރާތުން ރުހުން ލިޔުމުން ލިބިގެން ނުވަތަ ކޯޓުން އެކަމުގެ ހުއްދަ ދައުވާކުރާ ފަރާތަށް ދިނުމުން ދައުވާ އަނބުރާ ގެންދެވޭނެކަން އެނގޭ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ނިހާންއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންގޮސްފައިވާއިރު ކްރިމިނަލް ކޯޓުގައި އަދިވެސް އޭނާގެ މައްސަލައެއް ކުރިއަށް އެބަދެއެވެ. އެއީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ހަ ދައުވާއެއްގެ މައްސަލައެވެ.