ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 12:08
ވާވެއްދިފަރަށް އެރި ބާޖު
ވާވެއްދިފަރަށް އެރި ބާޖު
އެމްއެންޑީއެފް
އީޕީއޭ
ވާވެއްދިފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 148،381،500 ރުފިޔާ

ކ. ވާވެއްދި ފަރަށް އެރި ބާޖަކާއި ޓަގު ބޯޓެއްގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ''އޭއެމް އާގަމް'' ނަމަކަށް ކިޔާ ބާޖާއި ''އޭއެމް އަލްޕިޓް'' ނަމަކަށް ކިޔާ ޓަގު ބޯޓު ޖޫރިމަނާ ކޮށްފައިވަނީ 23 ޖުލައި 2022 ވަނަ ދުވަހު ވާވެއްދިފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމަށެވެ. މި މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ ބާޖާއި ޓަގުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސް މެރިން އެލްއެލްސީއެވެ.

އީޕީއޭއިން ވަނީ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައެވެ. މިގޮތަށް އެ ކުންފުންޏަށް އަންގާފައިވަނީ މި މަހުގެ 22 ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

އީޕީއޭ އިން ބުނީ މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން 13 އޮގަސްޓް 2022 ގައި އެ ސަރަހައްދަށް ގޮސް ސާވޭކޮށްފައިވާ ކަމަށެވެ. އަދި އެ އުލަނދުގެ ވެރިފަރާތުން ކުރި ސާވޭގައި ވެސް އެ އެޖެންސީގެ ފަރާތުން އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވި ކަމަށް ބުންޏެވެ. އެގޮތުން، ބެލިބެލުމުން އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށާއި އެ ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 148،381،500 (ސަތޭކަ ސާޅީސް އަށް މިލިއަން ތިން ލައްކަ އައްޑިހަ އެއް ހާސް ފައްސަތޭކަ) ރުފިޔާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭ އިން ބުނެފައިވާ ގޮތުގައި ޖޫރިމަނާއާއި ބަދަލުގެ އަދަދު 148.3 މިލިއަނަށް އެރި ނަމަވެސް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާއަށްވާތީއެވެ.

ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް