ކ. މާލެ
|
24 ޖެނުއަރީ 2023 | އަންގާރަ 14:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު
ރާއްޖެއެމްވީ
އދ ދަނގެތީގެ ތަރައްޤީގެ މަސައްކަތް
ދަނގެތިން ބިން ހިއްކުމަކީ ރައީސްގެ ވައުދުފުޅެއް
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މުހިންމު އިންތިޚާބެއް
އަމިއްލަ ރަށުގައި ތިބެގެންވެސް ބޭނުންވާ ޚިދުމަތްތައް ހޯދޭނެ ކަމުގެ އުއްމީދު މިއަދު އެބައޮތް
އދ ގައި ހިމެނޭ ދެން ހުރި ރަށްރަށުގައިވެސް މަޝްރޫއުތައް ކުރިއަށް ގެންދަވާނެ

އދ ދަނގެތިން ބިން ހިއްކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުގައި ކޮށްދެއްވާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އދ ދަނގެތީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޖެނުއަރީ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މުހިންމު އިންތިޚާބެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އިންތިޚާބަކީ 2018 ގައި މި ސަރުކާރުން ރާއްޖެއަށް ގެންނަން ފެށި ބަދަލުތައް އެގޮތުގެ މަތީގައި ދަމަހައްޓައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު އިންތިޚާބެއް ކަމަށެވެ.

2018 ވަނަ އަހަރު މި ގެނައި ސުލްހައާއި ހަމަޖެހުން އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ދެންނެވި ފަދައިން މި ކުރާ މަސައްކަތާއިގެން ކުރިއަށްދާނީތޯ ނުވަތަ މަޑުޖެހިފައި ތިބޭނީތޯ ވިސްނަން ޖެހޭ
ރައީސް ސާލިހު

ރައީސް ވިދާޅުވީ، މި ވޭތުވެ ތިޔަ 4 އަހަރު ރައްޔިތުންނަށް ލިއްބައިދިން މިނިވަންކަމާއި ޤާއިމު ކުރެވިގެން ދިޔަ ސުލްޙަ މަސަލަސް ކަމަކީ މީގެ ކުރިން ސަރުކާރުގައި ތަހައްމަލު ކުރި ދަތި އުނދަގޫތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރާއްޖޭގެ އެއްވެސް ރައްޔިތަކު އަނބުރާ އެ އަނިޔާވެރިކަން ދެކެން ބޭނުން ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އަމިއްލަ ރަށުގައި ތިބެގެންވެސް ބޭނުންވާ ޚިދުމަތްތައް ހޯދޭނެ ކަމުގެ އުއްމީދު މިއަދު ސަރުކާރުން ގެނެސްދެމުން ގެންދާކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

އދ ދަނގެތީގައި ކުރިއަށްދާ ބައެއް ތަރައްޤީގެ މަސައްކަތްތަކާއި، ކުރިއަށް ރާވާފައިވާ ބައެއް ކަންކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކުރާއިރު، އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން އިތުރު ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ކައުންސިލުން ހަދާފައިވާ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުން ބިން ހިއްކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުގައި ކޮށްދެއްވާނެ ކަމެއް ކަމަށެވެ.

އދ ގައި ހިމެނޭ ދެން ހުރި ރަށްރަށުގައިވެސް އެގޮތުގެ މަތިން މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް ވަނީ ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ރަށްރަށަށް ގެންނަމުންދާ ތަރައްޤީ ގެނެސްދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި ރައްޔިތުންގެ ވޯޓުވެސް ނުހަނު މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް